އިނގިރޭސިވިލާތުގައި ވަރަށް ގިނަ ބަޔަކު ޓީވީން ބަލާ މަޝްހޫރު ކެއްކުމުގެ މުބާރާތެއް ކަމަށްވާ "ގްރޭޓް ބްރިޓިޝް ބޭކްއޯފް" ކާމިޔާބުކުރީ ކާކުކަން އޮޅުމަކުން މާ އަވަހަށް ހާމަކުރެވި، ޖަޖަކު މައާފަށް އެދެން ޖެހިއްޖެ އެވެ.

ޝޯގެ ފަހު އެޕިސޯޑް ދައްކަން ފެށުމުގެ ގަޑިއިރުތަކެއް ކުރިން، މުބާރާތުގެ ޖަޖެއް ކަމަށްވާ ޕްރޫ ލީތު އަށް އެކަން އިއުލާންކުރެވުނީ އިނގިރޭސިވިލާތުން ބޭރުގައި ހުރެގެންނެވެ. ބޫޓާނަށް ގޮސް އުޅެމުން ލީތު، 77، އެ ގޮތަށް ޓްވީޓްކުރީ ފަހު އެޕިސޯޑް ދައްކާ ނިމުނު ކަމަށް ހީކޮށެވެ. ބޫޓާން އުޅެނީ އިނގިރޭސިވިލާތަށް ވުރެ ހަ ގަޑިއިރު ކުރީގަ އެވެ.

ކޭކުއެޅުމުގެ ތަޖުރިބާކާރެއް ކަމަށްވާ ލީތު ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްފަ އެވެ. އަދި މައާފަށް އެދި ޓްވިޓާގައި އޭނާ ބުނީ އެ ގޮތަށް ދިމާވީ އޭނާ އެހެން ޓައިމް ޒޯނެއްގައި ހުރުމުން ކަމަށެވެ.

ޓީވީން ޝޯ ނުދައްކަނީސް، އެއްވަނަ ހޯދީ ކާކުކަން އެނގުމުން ބައެއް މީހުން ތިބީ މާޔޫސްވެފަ އެވެ. އަދި ބައެއް މީހުން އެކަން މަޖާވެގެން ސޯޝަލް މީޑިއާގައި ޖޯކު ޖެހި އެވެ.

ކުރިން ބީބީސީން ދައްކަމުން އައި "ބޭކް އޯފް"ގެ ރައިޓްސް ޗެނަލް 4 އިން މި އަހަރުގެ ކުރީކޮޅު ވަނީ ގަނެފަ އެވެ. ބީބީސީން ދެއްކި މިދިޔަ އަހަރުގެ ފިނާލޭ 16 މިލިއަން މީހުން ބެލި އިރު އެއީ އިނގިރޭސިވިލާތުގައި އެ އަހަރު އެންމެ ގިނަ ބަޔަކު ބެލި ޓީވީ ޕްރޮގްރާމެވެ.