އައްޑޫ ހުޅުމީދޫގައި ހަދާފައިވާ ފަޔަ ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ތަން ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ. އެ ރަސްމިއްޔާތުގައި އައްޑޫގެ ކައުންސިލަރުންނާއި އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ހުޅުމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ހިތަދޫން ހުޅުމީދޫ އަށް ގޮސް އެޓެންޑް ކުރެވެނީ ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނެޓުންނެވެ.

"ނަމަވެސް މިއަދު ހުޅުވިގެން މިދިޔަ ފަޔަ ސްޓޭޝަންގެ ސަބަބުން ހުޅުމީދޫގައި ހިނގާ މިފަދަ [އަލިފާނުގެ] ހާދިސާތަކުގައި، ފަޔަ އެންޑް ރެސްކިއު ޓީމަށް ދިހަ މިނެޓުގެ ތެރޭގައި ހާދިސާ ހިނގި ސަރަގައްދަށް ގޮސް ހަރަކާތްތެރިވެވޭނެ." މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދު އަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދެ އަވަށަށްވެފައި، އެ ދެ އަވަށާ ޖެހިގެން ދެ ރިސޯޓު ވެސް އޮތުމާ އެކު ފަޔަ އެންޑް ރެސްކިއު ސާވިސްގެ ހިދުމަތް ހުޅުމީދޫން ލިބިގެން ދިއުމަކީ ރިސޯޓުތަކަށް ލިބޭނެ އިތުރު ރައްކާތެރި ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމީދޫ ފަޔަ ސްޓޭޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ބަޖެޓްކުރެވުނު ޕްރޮޖެކްޓެކެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުނީ 2017 ވަނަ އަހަރު އެވެ.