މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް، ތުރުކީ ލީގުގެ ކްލަބް ޓްރެބްޒޮންސްޕޯ އަށް ސޮއި ކުރަން އެއްބަސްވެއްޖެ އެވެ.
މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލި ފޯވާޑް، ހުރީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ. އޭނާގެ ޓްރާންސްފާ އަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު، އުރުދުޣާންގެ އާކް ޕާޓީއާ ގުޅުން އަންނަކަމަށް އަޑުފެތުރިފައިވާ ކްލަބުން ސަލާހް އަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 3،75000 ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް މަސްދަރުތަކުން ބުންޏެވެ.
އެ ކްލަބްގެ ރައީސް އެރްތޫރަލް ދޮޣާން ވިދާޅުވީ ޓްރާންސްފާގެ ކަންކަން އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ. ކޮންޓްރެކްޓްގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓް ހަދަން މިއަދު އޭނާ އިންސްތަބޫލަށް ދަތުރު ކުރާނެ އެވެ.
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް އެއް ސީޒަނެއްގައި ހޯދި ހަމައެކަނި ކުޅުންތެރިޔާ، އެ ކްލަބާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތުރުކީގެ ފުޓްބޯޅައިގައި ޓްރެބްޒޮންސްޕޯއަކީ ހަތަރުވަނަ އަށް އެންމެ މަޝްހޫރު ކްލަބެވެ. އެ ގައުމުގެ ސިޓީ ޓްރެބްޒޮން އަށް ނިސްބަތްވާ ކްލަބްގެ މަގުބޫލުކަން ތަރުތީބު ވެފައިވަނީ އިސްތަންބޫލަށް ނިސްބަތްވާ ތިން ކްލަން ކަމަށްވާ ގަލަތަސަރާއީ އާއި ފެނަބާޗޭ އަދި ބެޝްކިޓަސްގެ ފަހަތުންނެވެ.