ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ސާބިތުވެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން އިސްމާއިލް ސާޖިދު ވަކިކުރީ ގާނޫނީ ހަމައަކުން ނޫން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ސާޖިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ސާޖިދު ސަސްޕެންޑުކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެނގިފައިވާ ގޮތުގައި ސާޖިދު ފުރައްސާރަ ކުރިކަން ސާބިތުވާ ކަމަށް ނިންމީ، ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން އެމްއެމްއޭ އިން އުފައްދާފައިވާ ކޮމިޓީންނެވެ. އެއާއެކު، ސާޖިދު އެ މަގާމުން ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ތަންފީޒުކޮށް، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އޭނާ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެކަމަ ގުޅިގެން އެމްއެމްއޭއިން މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ސާޖިދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރައްސާރައިގެ ތުހުމަތު ސާބިތުވާ ކަމަށް މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވާކަން ސާބިތުވާނެ ހެކި އޭނާގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
އެ ދޮގުތައް ސާބިތުކުރެވޭ މިންވަރަށް ކޮމިޓީއަށް ކިތާބީ ހެކި ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ނިންމާފައިވަނީ އެ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މައްސަލަ ހުށަހެޅި މަގްސަދާ މެދު ސަބަބުވެރި އިންސާނަކަށް ސުވާލު އުފެދޭ ހާލަތްތަކެއް މައްސަލާގައި ހުށަހަޅާފައިވެ އެވެ. މިގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފު ކޮށްގެން ނުވާނެ ބައެއް ކަންކަން އެ މުވައްޒަފު ކުރުމުން އެ މުވައްޒަފާމެދު އަމަލު ކުރަންޖެހޭ ގޮތަށް އަމަލު ކުރުމަކީ މިއަދު މި އަނިޔާ ލިބުމުގެ އެއް އަސާސް ކަމަށް އަޅުގަނޑަށް ބެލެވެ އެވެ،" އޭނާގެ ޕޯސްޓުގައިވެ އެވެ.
ފުރައްސާރަ ކުރި ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ކަންކަން ހިނގި ދުވަސްތަކާއި މައްސަލަ ހުށަހެޅި ދުވަހާ ދެމެދު 39 ދުވަސް ހިނގާފައިވާކަން ފާހަގަ ކުރައްވައި، ސާޖިދު ވިދާޅުވީ އެ މުއްދަތުތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަން އިދާރާގެ ލިޔެކިޔުންތަކުންނާއި އެހެނިހެން ހެކިތަކުން އެނގޭ ކަމަށެވެ.
އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ނުލިބެނީސް އެކަމުގެ މައުލޫމާތުތަކެއް އެމްއެމްއޭގެ މުވައްޒަފެއް ދިން ކަމަށް މީޑިއާ ރިޕޯޓުތަކަށް ބެލުމުން އެނގޭ ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް މީޑިއާއަކަށް އޭނާ ދީފައެއް ނުވާނެ ކަމަށް ވެސް ސާޖިދުގެ ޕޯސްޓްގައިވެ އެވެ.
އެކަމުން ދޭހަވަނީ ޝަކުވާ ބެލި ކޮމިޓީ އާއި އެމްއެމްއޭގެ މުވައްޒަފުންގެ މަޢުލޫމާތު ރައްކާތެރިކުރުމަށް ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލުތަކެއް ނެތުން ނުވަތަ އޭނާގެ އަބުރު ކަތިލައި، މައްސަލައަށް ނުފޫޒުތަކެއް ފޯރުވަން އުޅުނުކަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުރުމުން އުނދަގޫވާ ފަރާތެއް ހުރިނަމަ ނުވަތަ ދަތިތަކެއް ކުރިމަތިވާނަމަ، ވަޒީފާއިން ވަކިވާން އަޅުގަނޑުގެ ކައިރީގައި ސީދާ ބުނިނަމަ ރީތިކޮށް މިކަން ކުރެވުނީހެވެ. ކޮންމެހެން މީހެއްގެ އަބުރު ކަތިލުމުގެ އެއްވެސް ބޭނުމެއް ނެތެވެ،" ސާޖިދު ވިދާޅުވެފައިވެ އެވެ.
އެފަދަ އެތައް ސަބަބެއް ހުރުމުން އޭނާ ވިދާޅުވީ އެ މައްސަލާގައި އަޅާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަޅާފައިވާ ފިޔަވަޅެއް ނޫންކަން އެ މައްސަލާގެ ތަފުސީލު ބެލި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.
ސާޖިދު ކުރިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އަދި އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ ގަވަނަރުނަރަށެވެ.
މީގެކުރިން އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވެސް މިދިޔަ އަހަރު އެ މަގާމުން ވަކިކޮށް، އެމްއެމްއޭގެ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރި އެވެ. އޭރު އަޝްރަފް ވަކިކޮށް، އެހެން މަގާމަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރަން ކަމަށް އެމްއެމްއޭއިން އޭރު ބުނެފައިވެ އެވެ.