ހަމައެކަނި ފަތުވާ ދޭ މީހުންނާއި ހުތުބާ ލިޔާ މީހުން ތިބެގެން އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ފަންޑުތައް ތަރައްގީ ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، ރަނގަޅު ޕްލޭނަކާއެކު ފަންޑުތައް ތަރައްގީކުރެވިދާނެ އެވެ. ފުރަތަމަ ކުރަންވީ ކަމަކީ އިސްލާމިކް މިނިސްޓްރީގެ ސިޔާސީ ބައެއް މަގާމުތަކަށް، އިސްލާމިކް އިގުތިސާދުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހުން އައްޔަންކުރުން ކަމަށް ވިދާޅުވި އެވެ.
ޝަހީމް އެހެން ވިދާޅުވީ، "ދަރުމަ ކަމާކެމި"ގެ ނަމުގައި، އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ހޯދުމާއި އެކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބާއްވާ ހަރަކާތާ ގުޅިގެންނެވެ.
އޭނާ ވިދާޅުވީ ފަންޑުތައް ތަރައްގީކުރުމަކީ އިގުތިސާދީ މަސައްކަތަކަށް ވާއިރު އެކަން ކުރެވޭނީ އެކަމުގެ ތަޖުރިބާކާރުން ތިބެގެން ކަމަށެވެ. އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔަވާފައި ތިބި ޒުވާނުން ރާއްޖޭގައި މިހާރު ގިނަ ކަމަށާއި އެ މީހުންނަށް އިރުޝާދު ދޭނެ މީހުން ތިބިއްޖެ ނަމަ ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
މިސްކިތްތަކަށް އެހީވުމަށް އޮތް ދާއިމީ ހައްލަކީ، ޝަހީމް ވިިދާޅުވި ގޮތުގައި، ވަގުފު ބިނާ ތަރައްގީކުރުމެވެ. ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި ވަގުފު އިމާރާތް، "ދާރޫލް އީމާން" އަކީ މިނިސްޓަރުކަމުގައި ހުންނެވިއިރު ޝަހީމް ކުރެއްވި މަސައްކަތެވެ. އިތުރު ވަގުފު އިމާރާތްތަކެއް އަޅާނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏަސް، މަސައްކަތެއް ފަށައިފައެއް ނުވެ އެވެ.
"ރައީސް ކުރައްވަންވީ ކަމަކީ އިސްލާމިކް މިނިސްޓްރީއަށް 50 ވަރަކަށް މިލިއަން ރުފިޔާ ދެއްވަންވީ އެވެ. އިސްލާމިކް މިނިސްޓްރީން އެ ފައިސާ ބޭނުންކުރާނީ އައުގާފު ތަރައްގީ ކުރުމަށެވެ. ބާކީ ބައި ހޯދާނީ އިސްލާމިކް ބޭންކުތަކުންނެވެ. ޣަރުދު ހަސާނާ ގޮތުގަ އެވެ. އޭރުން ކުރިއަށް އޮތް ގަރުނުތަކުގަައި ރާއްޖޭގެ އިސްލާމީ ކަންކަމަށް ސަރުކާރުތަކުން ހަރަދު ނުދިނަސް ފައިސާ ހުންނާނެ އެވެ،" ޝަހީމް ވިދާޅުވި އެވެ.
ދާރުލް އީމާންގެ މަސައްކަތް ކާމިޔާބުވުމުން، އިތުރު ފަސް ތަނެއްގައި ވަގުފުބިނާ ހަދަން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ (އައިޑީބީ) އާ ކުރިން މަޝްވަރާކުރެއްވި ކަމަށާއި ޣަރުދު ހަސާނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭން އޭރު މަޝްވަރާކުރި ކަމަށް ވެސް ވިދާޅުވި އެވެ. އެ ފަސް ޕްރޮޖެކްޓު ކުރިއަށްގެންދާނެ ތަންތަން ކަނޑައަޅައި އެތަންތަނުގެ ލިޔުން ވެސް އައިޑީބީއަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިނިސްޓްރީން މިހާރު ކުރަންވީ ކަމަކީ އެ މަސައްކަތް އަލުން ކުރިއަށްގެންދިއުމެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކުރަން އައިޑީބީން ދެ ލައްކަ ޑޮލަރު ހިލޭ އެހީ ދޭނެ ކަމަށް ވެސް އޭރު އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިހާރުގެ ބޭފުޅުން އެކަން ކުރިއަށް ގެންދަވައިފިނަމަ ރާއްޖެއަށް ފައިދާވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ،" އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވާ ޝަހީމް ވިދާޅުވި އެވެ.