ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސައިފި އެވެ.
ކޮމިޓީގެ އަޣުލަބިއްޔަތުން އެކަން ފާސްކުރީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. ބަޖެޓު ކޮމިޓީގެ ނައިބު ރައީސަކަށް ކަނޑައަޅާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް މިދިޔަ ބުރާސްފަތިދުވަހު ހުށަހެޅީ މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރާށެވެ.
ސަޕްލިމެންޓްރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރައިގެންދާނެ އެވެ. އަދި ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. ޕީއެސްއައިޕީގެ އިތުރުން ސަބްސިޑީއަށް ވެސް ބަޖެޓުން ވަނީ އެއް ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ކިޔަވާ ކުދިންނަށް އިތުރަށް ލޯނު ދިނުމަށާއި އެންސްޕާ އާއި މެޑިކަލް ކޮންސިއުމަބަލްސް އާއި މުސާރައަށް ވެސް ބަޖެޓުން އަދަދުތަކެއް އިތުރުކޮށްފައިވެ އެވެ.