ވަކި ބަޔަކީ އެމްޑީޕީ މެމްބަރުން ކަމުގެ ޓެގު އަޅުވައި އަނެއް ބަޔަކު ބޯވަޔާއި މެހި މާބުރުންގެ ގޮތުގައި ސިފަކޮށް އިހާނާތުގެ ބަސްތައް ރައްދު ކުރަމުންދާތީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ އެކު ޕާލަމެންޓްރީ ގްރޫޕުގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑެވެ. ސޯޝަލް މީޑިއާގައި އަދި މެމްބަރުން ތިއްބަވާ އެކި ގްރޫޕްތަކުގައި ވެސް އެކަކު އަނެކެއްގެ އަބުރަށް ހުތުރުވާ ފަދަ ގިނަ ތުހުމަތުތައް ދަނީ އަޅުވަމުންނެވެ. ޕާޓީ އަށް އިހުލާސްތެރި މެމްބަރުން ނޫން ކަމުގެ ތުހުމަތު އަޅުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި މަޖިލީހުގައި މަސައްކަތް ކުރައްވާ މެމްބަރުންނަށެވެ.
އަސާސްތައް ހިފަހައްޓާ އެމްޑީޕީގެ ،މެމްބަރުންނަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި މެމްބަރުން ކަމަށް ދަނީ ސިފަކުރަމުންނެވެ.
އެމްޑީޕީގެ ގްރޫޕެއް ރޭ ހޫނުވީ، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް، ތޮއްޑޫ ދާއިރާ މެމްބަރު އަހްމަދު ޝިޔާން އަމާޒުކުރެއްވި ތުހުމަތުތަކުންނެވެ.
ކެމްޕޭނުގައި ރޮޒައިނާ ހުންނެވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެކުގަ އެވެ. ޝިޔާން މަސައްކަތް ކުރައްވަނީ އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ އެކުގަ އެވެ.
އަލުން އެކުގައި މަސައްކަތް ނުކުރެއްވޭ ވަރުގެ ހޫނު ޒުވާބެއް އެ ދެ މެމްބަރުންގެ މެދުގައި ހިނގާފައި ވަނިކޮށް، ކެލާ ދާއިރާގެ މެމްބަރު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބަކާ ހެދި އެހާ ހިސާބަށް ކަންކަން ގޯސްކޮށްލުމަކީ ދެރަ ކަމެއް ކަމަށެވެ. އެތެރޭގެ އިންތިހާބެއްގައި އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް މިނިވަންކަމާ އެކު ވޯޓު ދިނުމުގެ އިހްތިޔާރު އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިއީ، އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ ވަރަށް އަސާސީ ސިފައެއްކަން ވެސް ފާހަގަކުރެއްވި އެވެ.
"އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ، އެއީ މިހާތަނަށް އެމްޑީޕީ ދަސްކޮށްދިން ފިލާވަޅަކީ. ބެވުން އޯކޭއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
މި ޓުވީޓަށް ފަހު "މިހާރު" އަށް ޝަރީފް ވިދާޅުވި ގޮތުގައި އެކަކު އަނެކަކަށް އަޅުވާ ތުހުމަތުތައް ގޯސްވަމުން ގޮސް ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުން ވެސް އެކަށީގެންވެ އެވެ. މަޖިލީހުގެ ތެރޭގައި މި ވޯޓާ ހެދި ބައެއް މެމްބަރުންނަށް ފުރައްސާރަ ވެސް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވި އެވެ.
ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާތީ ތަފާތު ކުރުން ގެންގުޅުމުގެ ރޫހު ކުރިއަށް ނެރޭތީ ވެސް އޭނާ ކަންބޮޑުވެވަޑައިގަނެ އެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 65 މެމްބަރުންނަކީ އިންތިހާބު ނިމުނަސް އެކީގައި މުހިންމު މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ބައެއް ކަމަށެވެ. އެކަން ހަނދާން ނެތި، ކައިރި ނުވެވޭވަރަށް ފާޑުކިއުން މައްޗަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަޖެހޭ ހަމަ ހިފަހައްޓަން. މި އިންތިހާބަކާ ހެދި ފަހުން ވެސް އެކީގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމަކީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހިމެނޭ ދެ ވަނަ ވެރިކަމެއް އުފެދިފައި މިއޮތީ 16 އަހަރުގެ ތެރޭގައި ޕާޓީގެ ހުރިހާ މެމްބަރުންގެ ގުރުބާނީން ކަމަށާއި އެކަމުގައި ވަކި މެމްބަރުންތަކެއްގެ ބައިވެރިވުން ނެތް ކަމުގެ ތުހުމަތާ އެކު ބާކީކުރުން ގޯސް ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީއަށް ހޯދުނު ކާމިޔާބީއެއް ވިޔަސް ހުރިހާ އެންމެންގެ ހިއްސާ އެބައޮތް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދާއި އިމްތިޔާޒު ވިޔަސް ފައްޔާޒު ވިޔަސް އެކީގައި އުޅެގެން އާއްމު މެމްބަރުންނާ އެކު މި ހިސާބަށް އާދެވިފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.
"ވަކި ބޭފުޅަކާ ދިމާލަށް އިނގިލި ދިއްކޮށްފައި، ވަކި ބޭފުޅަކު މަސައްކަތް ކުރިއޭ، ވަކި ބޭފުޅަކު ނުކުރެއޭ ބުނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އިންސާފެއް ނޫން."