އަމީނީމަގުގެ މަރާމާތުގެ މަސައްކަތަށް އިއްޒުއްދީން މަގާ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރަން ނިންމި ނިންމުމާ އެކު، އައިޖީއެމްއެޗު އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރު ކައިރީ ބަސް ސްޓޮޕަށް ބަހުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ. 

އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުގެ ކުރުމުގެ މަސައްކަތަށް މިރޭ 12:00 އިިން ފެށިގެން އަމީނީމަގުގެ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. 

އެ ބަދަލާ ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެެވެ. 

އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R10 އޯކިޑު ރޫޓުގެ ދަތުރުތައް ދަރުމަވަންތަ ބަސް ސްޓޮޕަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓް ޕާކް ކައިރީގެ ބަސް ސްޓޮޕަށް ކަމަށެވެ. 

އަމީނީމަގުގެ މަރާމާތުގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ސްޓޮޕަށް R10 ރޫޓުގެ ބަސް މަޑެއްނުކުރާނެ އެވެ. 

އެމްޓީސީސީން ބުނީ އެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަަހުގެ ހިދުމަތް ވެސް މެދުކެނޑޭނެ ކަމަށެވެ. އަދި R1 އާއި R3 އަދި  R7 އާއި R15 ރޫޓްތަކުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށް ކަމަށާއި އެ ބަދަލާ ގުޅިގެން، މަގު ހަދާ ނިމެންދެން އެ ރޫޓުތަކުން ފުޑްކޯޓް، ދަރުމަވަންތަ އަދި ވެސްޓް ޕާކަށް މަޑުނުކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެެ. 

ފުލުހުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ފަހު ނިމޭނެ ތާރީހަކީ މި މަހުގެ 28 ކަމަށް ވާތީ އެ ދުވަހާ ހަމައަށް މަގު ބަންދުވާނެ އެވެ.

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ޖޫން މަހުގެ 15 ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ.