މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު ހޯމަ ދުވަހުގެ ރެއިން ފެށިގެން ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ. 

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ވެސްޓްޕާކާ ދިމާލުން އޮންނަ ހަވީރީ މަގު ބަންދުކުރުމާ ގުޅިގެން އޯކިޑު ރޫޓާއި އޮރެންޖް ހިޔާ ރޫޓުގެ ބަސްތައް ވެސްޓްޕާކު ބަސް ސްޓޮޕަށް މަޑުނުކުރާނެ ކަމަށެވެ. 

އެ ބަދަލާ ގުޅިގެން އެ ދެ ރޫޓުގެ ދަތުރުތައް ފެށޭނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުން ކަމަށް އެމްޓީސީސީން ބުންޏެވެ. 

އަދި މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށް ފަހު ހެންވޭރުން އެނބުރި މާފަންނަށް ދަތުރުކުރާ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް، ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށް ފަހު ސަބުދެލި މަގުން މަޖީދީ މަގަށް ނިކުމެ އާންމު ރޫޓުން ކަމަށް އެމްޓީސީސީން ބުންޏެވެެ. 

އެ ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދި އެމްޓީސީސީން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އިން ލިބޭނެ އެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް އޮތީ މަގު ފުޅާކޮށްފަ އެވެ. އަދި އޭގެ ފަހުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމަށް މަގު ފުޅާކޮށް ވަނީ ތާރު އަޅައިފަ އެވެ. 

މިހާރު ބޮޑުތަކުރުފާނު މަގުގައި ނުހަދާ އޮތީ އެމްޕީއެލުން ފެށިގެން ރަސްފަންނާ ހިސާބަށް އޮތް ސަރަހައްދެވެ.

"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ  ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެ، ގާތައް މުގުރިފައި އޮތް ސަރަހައްދުކަމުގައިވާ އެމްޕީއެލް ސަރަހައްދުގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އިއުލާންކުރައްވައިފަ އެވެ. 

ބެލެވޭ ގޮތުގައި އެމްޓީސީސީން އެ މަސައްކަތް ފަށާނީ މިހާރު ކުރިއަށްދާ އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުންނެވެ. އެ މަގުގައި މިހާރު ކުރިއަށް ދަނީ ތާރު އެޅުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި އެ މަގުގެ މަސައްކަތް އެެއްކޮށް ނިންމާލެވޭނެ އެވެ. 

އެ ސަރަހައްދު ތަރައްގީކުރަން ނިންމިއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ރައީސް ވިދާޅުވެފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އެތަން ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ތިލަފުއްޓަށް ބަދަލުކުރެވޭނެ އެވެ.