މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފައިދާ 19 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ތިން މަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 178,389 ޑޮލަރު (2.8 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 219,282 ޑޮލަރު (3.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އެހެންވެ މިއީ ހަ ލައްކަ ރުފިޔާގެ ވެއްޓުމެކެވެ.
ކުންފުނީގެ ފައިދާ ދަށްވެފައިވަނީ އާމްދަނީ ދަށަށް ދިއުމާ އެކު ކުންފުނީގެ ހަރަދުތައް ވެސް އިތުރުވުމުންނެވެ. އެކުންފުންޏަށް ފުރަތަމަ ކުއާޓާގއި 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބުނެވެ. އަދި ކުންފުނީގެ ހިންގުމާއި މުވައްޒަފުންގެ ހަރަދުތަކަށް 490,122 ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެމްޓީޑީސީއަށް ވަނީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) ފައިދާގެ ގޮތުގައި ލިބިފަ އެވެ.
އެމްޑީޓީސީ އަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ. އެމްޓީޑީސީ އަށް އާމްދަނީ ލިބެނީ ޓޫރިޒަމްގެ ބޭނުންތަކަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެންނެވެ. އެކަމަކު އެކުންފުންޏަށް ލިބެނީ އަދިވެސް ވަރަށް ކުޑަ ފައިދާ އެކެވެ.
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ. އެހާ ބޮޑަށް ކުންފުނި އަޑިއަޅައިލީ އޭރު ހިންގަން ފެށި ބައެއް މަޝްރޫއުތައް މަޑުޖެހި، ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ނެތުމުންނެވެ.