މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މިއަދު ވަކިކޮށްފި އެވެ.

އެމްޓީޑީސީގެ މަސައްކަތް ފަށައިގަތް ދުވަސްވަރުން ފެށިގެން ގިނަ އަހަރުތަކެއް ވަންދެން އެ ކުންފުނީގައި އިސް ދައުރެއް އަދާކުރެއްވި ނިޔާޒް މި ސަރުކާރުގައި މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ ނޮވެމްބަރު 2023 ގަ އެވެ.

ޕީސީބީން މިއަދު ބުނީ އެމްޓީޑީސީގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. މީދޫ، ހަސަންކާރިގޭ، ނިޔާޒް ވަކިކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މަގާމަށް އާ ބޭފުޅަކު އަދި އައްޔަނެއް ނުކުރެ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިނގިރޭސި ވިލާތުން މާސްޓާސް ހައްދަވާފައިވާ ނިޔާޒަކީ އެމްޓީޑީސީގައި ދިގު ތާރީހެއް އޮތް ބޭފުޅެކެވެ.

ދެހާސް ހަތް ވަނަ އަހަރު އެމްޓީޑީސީއާ ގުޅިވަޑައިގެން ނިޔާޒް ވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވައިފަ އެވެ. އޭނާ ވަނީ 2016-2018 އަށް އެމްޓީސީސީގެ ޗެއާމަންކަމާއި 2013-2016 އަށް އެސްޓީއޯގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ވެސް އަހަރެއްހާ ދުވަހު ކުރެއްވި އެވެ.

އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒް މިއަދު ވަކިކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ފައިދާ 19 ޕަސެންޓަށް ދަށަށް ވަނީ ގޮސްފަ އެވެ. 

އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 178,389 ޑޮލަރު (2.8 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 219,282 ޑޮލަރު (3.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އެހެންވެ މިއީ ހަ ލައްކަ ރުފިޔާގެ ވެއްޓުމެކެވެ.