މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އިއްޔެ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްޓީޑީސީގެ ޗެއާމަންގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑަށް، މ.ލާލުބާގު، ޝަހީރު، ހަމަޖައްސާފައިވާ ކަމަށެވެ.

މެއި، 2025 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށް ޝަހީރު ހުންނެވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގަ އެވެ.

މި ސަރުކާރުގައި އޭނާ ފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށެވެ. ނަމަވެސް އެ ޒިންމާތަކުން އޮގަސްޓު، 2024 ގައި ވަކިކުރީ އެވެ. 

ޝަހީރު ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަ ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ.

އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ފާއިޒެވެ. ފެބުރުއަރީ 2017 އިން ފެށިގެން އެ ކުންފުނީގައި ހުންނެވި ފާއިޒް މިދިޔަ ހަފުތާގައި ވަނީ މިފްކޯގެ ޗެއާމަނަކަށް އައްޔަން ކުރައްވައިފަ އެވެ.