އެމްއޭސީއެލްގެ ޗެއާޕާސަނަކަށް އައްޔަންކުރި އައިޝާ ނޫރްއައިން ޖަނާހު އަދި އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރި އަހްމަދު ޝަހީރު.-- ފޮޓޯ: މިހާރު
29 މެއި 2025 - 16:35
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރްއައިން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހަ އެއްކަ މަސްދުވަހު މަސައްކަތް ކުރެއްވުމަށް ފަހު ކުއްލި ގޮތަކަށް މިދިޔަ އަހަރުގެ މޭ މަހު އެވެ. ނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވައިފަ އެވެ. ނޫރްއައިން ނިއުޒިލެންޑުން ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެކައުންޓިން ދާއިރާގައި ދުނިޔޭގައި މަޝްހޫރު "އާނެސްޓް އެންޑް ޔަންގް"ގެ ދަށުން ހިންގާ ކުންފުންޏެއްގެ މެނޭޖަރުގެ މަގާމުގަ އެވެ.
ޕީސީބީން އެކްސްގައި ކުރި އިތުރު ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ.
ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ 2015 އިން 2018 ވަނަ އަހަރާ ދެމެދުގަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ޝަހީރު ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު މަސައްކަތް ކުރެއްވި އިރު، މެނޭޖިން ޑައިރެކްޓަރަކަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ އޭނާ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. މިދިޔަ މާޗު މަހު އޭނާ އެ މަގާމުން ވަކިކޮށް ވަނީ ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޮޅު
31 May 2025
އަހަރެން މިއީ ސަރުކާރާ ވަރަށް ދެކޮޅުމީހެއް، އެކަމަކު މިދެމީހުންނަކީ އަހަރެންނަށް ވަރަށް ކަމުދާ ދެމީހުން،
މުޑަހަންޖާ
29 May 2025
މިއީ ކޮންރަށަކު ދެކުދިންނެއްތަ. އަހަރެމެން އެއްޗެކޭ ކިޔާފާނެތީތަ މިހާރަކަށް އައިސް މިކަހަލަ ހަބަރުތަކުގަ އަތޮޅާއި ރަށާއި އެޑްރެސް ފޮރުވާފަ މިހުންނަނީ. ދެން އަނެއްކޮޅުން ބޮޑު ވައްކަމެއް ކޮށްފިއްޔާ އޮންނާނީ ކޮންމެވެސް ކުންފުންޏަކުން ވައްކަންކޮށްފިއޭ، އެހެވޭ ޖެހިގެންހުންނަ މީހާވިއަސް، ހަމަހިލާ ނޭނގޭނެ ކޮން ރަށަކު ކާކުކަމެއް. މިކަހަލަ ހަބަރުތަކަށް އަހަރެމެން ކުރި ތާއީދު އަނބުރާ ގެނެސްފިން.
އޮނަރަބްލް އަފީފު ދީދީ
29 May 2025
ސްޓޭޓް ޓްރޭޑިންގ އޯގަނަަިޒޭގައި ގައި އެތައް އަހަރެއް ހޭދަކޮށް އަދި ޔާމީނުގެ ވެރިކަމުގައި އެތަނުގެ އެމްޑީއަކަށް ހުންނެވި ޝަހީރު އާއި ޙިލާފަށް ރައީސްގެ އެޑްވައިޒަރ މުޙައްމަދު އަލީ ޖަނާޙްގެ ދަރިކަނބަލެއް ކަމަށް ވިޔަސް އެމްއޭސީއެލްގެ ޗެއާޕާސަނަކަށް އައްޔަންކުރި އައިޝާ ނޫރްއައިން ޖަނާހު އާއި މެދު ވައްކަމާއި ޙިޔާނާތުގެ ތުހުމަތެއް ކުރެވިފައި ނުވާއިރު ނަޒާހަތް ތެރިކަމާއިމެދު ޝައްކު ކުރާވަރު އެއްވެސް ކަމެއްނެތް. މަރުޙަބާ އައިޝާ ނޫރްއައިން ޖަނާހު.
ހާލާލު
29 May 2025
ބައެއް މީހުންނަކީ ރޯޔަލް ފެމިލީ. ކޮންމެ ސަރުކާރެއްގައިވެސް އެފަދަ މީހުންނަށް މަތީ މަޤާމުތައް ހައްޤުވޭ. އެމީހުންނަށް ހުންނާނީ މުޅި ސަރުކާރު އަބަދުވެސް ރިޒާވްކޮށްފައި. ނިކަމެއްޗެއްގެ ދަރިއެއް މޮޅަށް ކިޔައިވައިގެން މަތީ މަޤާމެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް. ސިޔާސީ ބޮޑަކާ ގުޅިގެން އާދޭސްކޮށްގެ ކިރިޔާ ތާކުލަށްވާލާނީ. އެވެސް ބަޔެއްގެ ނުފޫޒުން.
ސަޅި ގައުމެއް
29 May 2025
މަރުހަބާ ނޫރުއައިން ކަމަނާ އައް ކާމިޔާބައް އެދެން
މުސީބާތެއްނު
29 May 2025
ހުރިހާ ސަރުކާރަކަށްވެސް ބަލަދުއަރާފަތަ ތިބެނީ ..؟
ލައިޓް
29 May 2025
ސަތޭކައިގެ ނިންމުމެއް! ނޫރު އައިން ފަދަ އިލްމީ ތެދުވެރި އިޙްލާސްތެރި ޒުވާން ދިވެހިންގެ ހިދުމަތަށް މި ޤައުމުވަނީ ފެންބޮވައިގެންފައި!
ޕިސް
31 May 2025
ޤައުމުވަނީ ފެންބޮވައިގެންފައި!! ---ލޮލް.. މަ ވަރަށް ފޫހިވޭ މިކަހަލަ ޑްރެމެޓިކް ވޯރޑްސް ބޭނުން ކުރާތީ..
ނެޕޯބޭބީ
29 May 2025
މި ރޯޔަލް ބޭބޭފުޅުންނަށް ގިނަ މަގާމް ދޭންވާނެ.
އުޒައިރު
29 May 2025
ޝަހީރު އަކީ ވަރަށް ރަގަނޅު ބޭފުޅެއް ސްޓާފުންނަށް ވަރަށް ހެޔޮވާނެ, ކަންކަން ވަރަށް ގާތުންބަލާ, ޓެކްނިކަލް މީހުންގެ ބަސް އަހާ, ހަރުދަނާ ބޭފުަޅެއް. ކާމިޔާބަށް އެދެން.
އަނެއްކާ ވެސް.......
29 May 2025
މި ބޭބޭފުޅުންނަކީ ރާއްޖެއިން ބޭރުގައި ޢުމުރުގެ ބޮޑުބައި ހޭދަ ކުރައްވައި، ރާއްޖެއިންބޭރުގެ ތަރައްޤީ ޤައުމުތަކުން ބަލައިގެންފައިވާ، ވަޒީފާ ވެސް ލިބޭ، ބޮޑެތި މަހުޖަނުންނެވެ. ކަންމިހެން އޮތްއިރު، ބައްޕާފުޅަށާއި، ދަރިންނަށްވެސް މިރާއްޖޭގެ ސަރުކާރުން ބޮޑެތިވަޒީފާ ދެއްވުމަކީ މިހާރު ރާއްޖޭގެ ވަޒީފާގެ ޙާލަތު އޮތްގޮތުން ކަންބޮޑުވާންޖެހޭ ދެރަކަމެކެވެ. ޖެހިލުމެއްނެތި އެފަދަ ފުރުޞަތުތަކުގެ ބޭނުން މިބޭބޭފުޅުން ހިއްޕެވުމަކީ ލަދުވެތިކަމެކެވެ.