މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހާރިސް މުހައްމަދު ހަމަޖައްސައިފި އެވެ.

ޕީސީބީން ބުނީ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އޭނާ މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު އެ މަގާމުން ވަކިކުރެއްވީ މީގެ ފަސް ދުވަސް ކުރިންނެވެ.

ހާރިސް ވަނީ ރާއްޖޭގެ ޓޫރިޒަމް އާއި އޭވިއޭޝަން ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މިގޮތުން، އޭނާ ވަނީ މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.