މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗާ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގައި މާލެ، އައްޑޫ، ފުވައްމުލައް އަދި ހުޅުމާލޭގައި ދަރުސްތަކެއް ދެއްވާނެ އެވެ. މިއަދު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރެވެ. މީގެ ކުރިން މެންކް ވަނީ 2015, 2016 އަދި 2020 ވަނަ އަހަރު މާލެ ސަރަހައްދާއި ކުޅުދުއްފުށި އަދި އައްޑޫގައި ދީނީ ދަރުސް ދެއްވައިފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައޮ އިސްލާމީ ރިވެތި އަހުލާގު ކުރިއެރުވުމަށް ހިންގާ އެ ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަށް ކަމަށެވެ.