އެމެރިކާގެ "އަޒަޓުރެ" އަކީ އެކި ވައްތަރުގެ އަގު ބޮޑު ގަހަނާ އުފައްދާ ލަގްޒަރީ ބްރޭންޑެކެވެ. އެ ކުންފުނިން 2012 ގައި ދުނިޔޭގެ އެންމެ އަގު ބޮޑު ނެއިލް ޕޮލިޝް އުފެއްދި އެވެ. އަޒަޓުރެގެ އެންމެ ނެއިލް ޕޮލިޝް ފުޅިއެއްގެ އަގަކީ 250،000 ޑޮލަރެވެ.

މިއިން ކޮންމެ ފުޅިއެއްގައި 267 ކެރެޓުގެ ކަޅު ޖަވާހިރު ހިމެނެ އެވެ.

"އަޒަޓުރެ ބްލެކް ޑަޔަމަންޑް" ނެއިލް ޕޮލިޝް އަކީ ބިޔޮންސޭ އަދި ރިހާނާ ފަދަ މަޝްހޫރު އަދި މުއްސަނދި ސެލެބްރިޓީންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މި ބްރޭންޑުން ބުނިގޮތުގައި ބްލެކް ޑަޔަމަންޑަކީ ގަހަނާއެއް ގޮތަށް އަޅާލަން އެންމެ މޮޅު އަދި ފުރިހަމަ ގަހަނާ އެވެ.

އަޒަޓުރެއިން އެކި ޑިޕާޓްމެންޓް ފިހާރަތަކަށް ބްލެކް ޑަޔަމަންޑްގެ އަގު ހެޔޮ ވައްތަރެއް ވެސް ނެރެފައިވެ އެވެ. އެއީ 25 ޑޮލަރަށް ވިއްކާ، އެއް ޑަޔަމަންޑު އަޅައިގެން ތައްޔާރުކޮށްފައިވާ ފުޅިއެކެވެ.

އަޒަޓުރެގެ ކުރިން އެންމެ އަގު ބޮޑު ނެއިލް ޕޮލިޝް އުފައްދާފައި ވަނީ މޮޑެލްސް އޮއުން އެވެ. އެއީ 130،000 ޑޮލަރަށް ވިއްކި ގޯލްޑް ރަޝް ނެއިލް ޕޮލިޝް އެވެ.