މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު މާދާމާ ރެއަށް ފަސް ކުރުމަށް ފަހު އަނެއްކާ މާދަމާ ހަވީރަށް ބަދަލުކޮށްފި އެވެ.
ކުރިން މިރޭ ކުޅޭ ގޮތަށް އޮތް މެޗު މާދާމާ ހަވީރަށް ފަސްކުރީ ކޮލަމްބޯ އަށް ބޯކޮށް ވާރޭ ވެހި މޫސުން ވަރަށް ގޯސްވުމުންނެވެ.
މެޗު މާދަމާ ރެއަށް ފަސްކުރިކަން އިއުލާންކޮށް، ފުޓްބޯލް ސްރީ ލަންކާ އިން މިއަދު ހަވީރު އާންމުކުރި ޕޯސްޓުގައިވާ ގޮތުން ރާއްޖެ-ލަންކާގެ މެޗު އޮންނާނީ ލަންކާގެ ގަޑިން މާދަމާ ރޭގެ 9 ޖަހާއިރު އަދި ރާއްޖޭގެ ގަޑިން 8:30 ގަ އެވެ.
އެކަމަކު، ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ ކުޅެން ހަމަޖެއްސި ރާއްޖެ-ލަންކާގެ މެޗު މާދަމާ ހަވީރަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އޭނާގެ ޓްވީޓްގައިވާ ގޮތުން މެޗު ފަށާނީ ރާއްޖޭގެ ގަޑިން ހަވީރު 3:30 ގަ އެވެ. އެއީ ލަންކާގެ ގަޑިން 4 ޖަހާއިރެވެ.
މިއަދު ހަވީރު ބަންގްލަދޭޝް އާއި ޝީޝެލްސް ކުޅެން ހަމަޖެއްސި މެޗު ވެސް މާދަމާ އަށް ވަނީ ފަސް ކޮށްފަ އެވެ. އެ މެޗު މާދަމާ އަށް ފަސްކުރީ ރާއްޖެ އާއި ލަންކާގެ މެޗު މާދަމާ އަށް ފަސް ކުރުމުގެ ކުރިންނެވެ. ފުޓްބޯލް ސްރީ ލަންކާ އިން މިއަދު ހެނދުނު އިއުލާން ކުރީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 3:30 އަށް އެ މެޗު ބަދަލު ކުރުމަށެވެ.
ނަމަވެސް މިހާރު އޮތް ގޮތުން އެ ގަޑީގައި ކުޅޭނީ ރާއްޖެ އާއި ލަންކާގެ މެޗެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ ރާއްޖެ-ލަންކާގެ މެޗު މާދަމާ ހަވީރަށް އަވަސް ކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ.
މިހާރު ބެލެވިފައިވާ ގޮތުން ބަންގްލަދޭޝް އާއި ޝީޝެލްސް ކުޅޭ މެޗު ދެން ކުޅޭނީ މާދަމާ ރޭގަ އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ލަންކާ އަށް ވަޑައިގެންފަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވާ ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ އާއި ލަންކާ މެޗު ފެށުމުގެ ކުރިންނެވެ.
ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަންފުޅަށް ނިސްބަތް ކުރި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަތީ ރައީސް ގޯޓާބޭ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ.