ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި މަރިޔަމް ޝީރީން ފެނުނު މައްސަލައިގައި ދައުވާކުރީ ޝީރީންއާ ރައްޓެހިވެގެން އޭނާއާ އެކު އެއް ކޮޓަރިއެއްގައި އުޅުނީތީ ކަމަށް މަރުުގެ މައްސަލާގައި ދައުވާ ލިބޭ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން ޝީރީންގެ ހަށިގަނޑު ފެނުނީ ޖެނުއަރީ، 2010 ގަ އެވެެ. ދައުލަތުން ތުހުމަތުކުރަނީ ޝީރީނާއި ނަޖާހު މާލޭގައި އެކުގައި އުޅުނު ކޮޓަރި ތެރޭގައި ޝީރީނަށް ހަމަލާދީ އޭނާ މަރާލީ ނަޖާހު ކަމަށެވެ. އަދި މަރައިލުމަށް ފަހު ފޮއްޓަކަށް ލައިގެން ގެންގޮސް ކޮންސްޓްރަކްޝަން ސައިޓަށް ޝީރީނުގެ ހަށިގަނޑު އެއްލައިލީ ނަޖާހު ކަމަށެވެ.

ނަޖާހުގެ މައްޗަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 12 އަހަރަށް ޖަލަށްލާން ހައިކޯޓުން މިދިޔަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މީގެ ކުރިން އެ ކޯޓުގައި ހަތަރު އަޑުއެހުމެއް ބާއްވާފައިވެ އެވެ. މިއަދު އޮތް އަޑުއެހުމުގައި އޮތީ ދެ ފަރާތުން ވެސް މުޅި މައްސަލައާ ގުޅޭގޮތުން ހުލާސާކޮށް ވާހަކަ ދެއްކުމެވެ.

މިއަދުގެ އަޑުއެހުމުގައި، ނަޖާހަށް ދައުލަތުން ހަމަޖައްސާފައިވާ ވަކީލު އަހުމަދު ޝިފާއު ވާހަކަ ދައްކަވައި ނިމުމުން ނަޖާހު އެއްވެސް ވާހަކައެއް ދައްކަން ބޭނުންތޯ މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއްސުއޫދު އެއްސެވި އެވެ.

ދިން ފުރުސަތުގެ ބޭނުން ހިފައި ނަޖާހު ބުނީ ޝީރީން މަރުވި ސަބަބެއް އޭނާއަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އަދި ދައުލަތުން މި މައްސަލައިގައި އޭނާއަށް ދައުވާކުރީ އޭނާ ޝީރީނާ އެކު، ރައްޓެހިވެގެން ކޮޓަރިއެއްގައި އުޅުނީތީ ކަމަށް ބުންޏެވެ.

"އަޅުގަނޑު ބުނެލަން މި މައްސަލައިގައި ބޭނުންވަނީ މި މައްސަލައިގައި މަރިޔަމް ޝީރީން މަރުވެފައިވާ ގޮތް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް އެނގިފައެއް ނުވޭ. އަޅުގަނޑު ޝީރީނާ އެކު ރައްޓެހިވެގެން ކޮޓަރިއެއްގައި އުޅެފައިވާތީވެ މި މައްސަލައިގައި އަޅުގަނޑު ހައްޔަރުކޮށްފައި ވަނީ،" ނަޖާހު ބުންޏެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އޮންލައިން އަޑުއެހުމުގެ ތެރެއިން --
ޝީރީންގެ މަރުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އޮންލައިން އަޑުއެހުމުގެ ތެރެއިން --

ތަހުގީގު މަރުހަލާގައި ހަނު ހުރި ސަބަބާ ބެހޭގޮތުން އޭނާ ބުނީ އެކަން އެގޮތަށް ކުރީ ފުލުހުން އޭނާ ލައްވައި ވަކި ގޮތަކަށް ބަޔާން ދޭން މަސައްކަތް ކުރުމުން ކަމަށެވެ.

"އެ ފަރާތުން [ފުލުހުން] ބޭނުންވީ ވަކި ގޮތަކަށް ބަޔާން ދޭން. އެގޮތަށް ވާތީ އަޅުގަނޑު ހަނު ހުންނަން ޖެހުނީ،" ނަޖާހު ބުންޏެވެ.

ނަޖާހަށް ދައުލަތުން ހަމަޖައްސާފައިވާ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ޝީރީން މަރުވީ ނަޖާހު ކުރި ކޮން އަމަލެއްގެ ސަބަބުން ކަމެއް ސާފުނުވާ ކަމަށެވެ. ޝީރީން މަރުވެފައިވާކަން އެނގޭ ނަމަވެސް، މަރުވީ ކިހިނެއް ކޮން ގޮތަކަށް ކަމެއް އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަރާލި ކަމަށް ބެލެވޭ އަނިޔާތަކެއް ކޮށްފައިވާ ކަމެއް ފާހަގަ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުން ނަޖާހުގެ މައްޗަށް ހުކުމް ކުރީ މި ކަންކަމުގެ މައްޗަށް އެކަށީގެންވާ ވަރަށް ނުބަލައި ކަމަށް ވަކީލު ޝަފީއު ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ ހައި ކޯޓުގެ ހުކުމް ބާތިލު ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށެވެ.

ނަމަވެސް، ދައުލަތުން ބުނަނީ ހައި ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށެވެ. އަދި މި މައްސަލައިގައި އެ ހުކުމް ދަމަހައްޓައިދިނުމަށް ދައުލަތުން މިއަދު އެދުނެވެ.

މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގައި އެންމެ ފަހުގެ އަޑުއެހުމެވެ. ފަނޑިޔާރު ސުއޫދު މިއަދު ވިދާޅުވީ، އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ނަޖާހު ބުނެފައި ވަނީ ޝީރީން ގެއްލުނު ރޭ އޭނާ ނިދާފައި ހޭލި އިރު ޝީރީން ގޭގައި ނެތް ކަމަށެވެ. ނަޖާހު ބުނި ގޮތުގައި އޭގެ ތިން ދުވަސް ފަހުން ފޮއްޓެއް ހިިފައިގެން ކޮޓަރިން ނުކުމެގެން ދިޔައީ އެގެއިން ނިކުންނަން އޭނާއަށް އެންގުމުން އަންނައުނު ގެންދިއުމަށެވެ.

މިއީ މަރުގެ ބޮޑު މައްސަލައަކަށްވާތީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.