ޚަބަރު / ދީބާޖާ އިންވެސްޓްމަންޓް

ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

ސުޕްރީމް ކޯޓު: ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ވަނީ ނިންމާލާފައި --- ފޮޓޯ/މިހާރު

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު އެ ހުކުމް ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިިޔަ އޭޕްރީލް މަހު ނިންމާފައިވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒުވި އެވެ. އެގޮތުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ދީބާޖާއިން ބުނަނީ ކީއްވެގެންތޯ ބެންޗުން ފުރަތަމަ ސުވާލު ކުރެއްވި އެވެ.

ދީބާޖާގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ބާތިލްކުރީ ދެ ރަށަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ދައުލަތުން ބުންޏަސް، އޭގެކުރިން ވެސް ޚިދުމަތް މެދުކެނޑުނު ރަށްތަކަށް އަލުން ފެރީގެ ޚިދުމަތް ދިނުމަށް ދައުލަތުން ފުރުސަތު ދިން ކަމަށެވެ. އެހެންވެ، އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ދީބާޖާއިން ބުންޏެވެ.

ރައްދުގައި ދައުލަތުން ބުނީ އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފްވެއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފަައިވާ ކަމަށެވެ. އަދިި ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރަން ކުރި ދީބާޖާ އެކު އެއްބަސްވުން ހެދި މަގްސަދު ހާސިލް ނުވުމުން ކަމަށާއި އެގޮތުން ފެރީގެ ޚިދުމަތް ގިނ ދުވަސްތަކެއް ވަންދެން މެދުކެނޑުނު ދައުލަތުން ބުންޏެވެ.

ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދީބާޖާއަށް ސަރުކާރުން ދޫކުރި ރ. ކުޑަކުރަތު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދީބާޖާގެ ވަކީލުން ވިދާޅުވީ ކުޑަކުރަތުގައި ރިސޯޓެއް ތަރައްގީ ކުރަން އެހެން ކުންފުންޏަކަށް ދީބާޖާއިން 1.5 މިލިއަން ޑޮލަރަށް ކުއްޔަށް ދީފައި ވަނިކޮށް ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމާ އެކު، ކުޑަކުރަތުގެ އެއްބަސްވުން ވެސް ސަރުކާރުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ކުންފުންޏާ އެކު ސަރުކާރުން މިހާރު ވަކިން އެއްބަސްވުމެއް ހަދާފަައިވާ ކަމަށާއި އެހެންވެ، ކުޑަކުރަތުން ދީބާޖާއަށް ލިބެމުން އައި އާމްދަނީ ހުއްޓިފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލް ކުރުމުން ދީބާޖާއަށް ލިބުނު ގެއްލުމަކީ ކޮބައިތޯ އާއި ގެއްލުން ސާބިތުކުރަން ހުށަހެޅި ހެކިތަކަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވުމުން ދީބާޖާގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ބާތިލް ކުރުމުން ގެއްލުން ލިބޭނެ ކަމަށް ދައުލަތަށް އެނގޭނެ ކަމަށެވެ. އެކަން އެނގިހުރެ އެއްބަސްވުން ބާތިލްކޮށްފި ނަމަ ބަދަލު ދޭންޖެހޭނެ ކަމަށާއި އެގޮތަށް މީގެކުރިން ސުޕްރީމް ކޯޓުން ބައެއް މައްސަލަތައް ނިންމާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދީބާޖާއަށް ގެއްލުމެއް ލިބުނުތޯ އަނެއްކާވެސް ބެންޗުން ސުވާލު ކުރެއްވުމުން އެ ކުންފުނީގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ބާތިލް ކުރުމުން 70.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އެ ކުންފުނިން ހުށަހެޅި ހިސާބުތަކުން އެނގޭނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ސަރުކާރުން ދީބާޖާއާ ހަވާލުކުރަން ޖެހޭ 47 ބިން ހަވާލު ނުކޮށް އޮތުމުން ވެސް ގެއްލުންތަކެއް ލިބުނު ކަމަށާއި އެކަންކަމަށް ދައުލަތުން ދަށު ކޯޓުގައި އިންކާރު ކޮށްފައިނުވާ ކަމަށް ދީބާޖާއިން ބުންޏެވެ.

ދީބާޖާގެ ވަކީލުން ބުނީ ގެއްލުމުގެ ބަދަލަށް 70.5 މިލިއަން ޑޮލަރު ހޯދަން އެދުނަސް، ދަށު ކޯޓުން ނަގައިދިނީ 22 މިލިއަން ޑޮލަރު ކަމަށާއި އެހެންވެ، އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ދައުލަތުން ބުނީ ދީބާޖާއިން ބުނާ ބަދަލުގެ މިންވަރަށް ދައުލަތުން އިންކާރުކުރާ ކަމަށް ކުރިން އަންގާފައިވާނެ ކަމަށެވެ. އަދި ދީބާޖާއަށް ކުޑަކުރަތު ދޫކުރުމުން އެތަނުން އެ ކުންފުނިން އާމްދަނީ ހޯދަމުންދިޔަ ކަމަށާއި އެހެންވެ، ފައިދާތަކެއް ލިބިފައިނުވާ ކަމަށް ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ގެއްލުން ކުޑަކުރަން ދީބާޖާއިން ކުރި މަސައްކަތަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވުމުން ދީބާޖާއިން ބުނީ އެއްބަސްވުން ބާތިލްކުރި ކަން އެންގުމުން ސަރުކާރާ މަޝްވަރާ ކުރަން އެދުމުން ވެސް އެ ފުރުސަތު ނުދިން ކަމަށެވެ. އަދި ބަދަލު ދޭން ކޯޓުން ހުކުމް ކުރުމުން 174 މިލިއަން ރުފިޔާއަށް ބަދަލުގެ މިންވަރު ކުޑަކުރަން ސަރުކާރުން ކޯޓުން ބޭރުގައި އެއްބަސްވުމަށްފަހު ދައުލަތުން އަނެއްކާވެސް އެ މައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކަމަށް ދީބާޖާއިން ބުންޏެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރައާތު ފުރިހަމަ ކުރިތޯ ބެންޗުން ވެސް ސުވާލު ކުރެއްވި އެވެ. ދީބާޖާއިން ބުނީ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރަން ޚާއްސަ ކޮމެޓީއެއް އޮންނަންޖެހޭ ކަމަށާއި އެކަމަކު އެއްބަސްވުން ބާތިލްކުރީ އެކަންކަން ފުރިހަމަ ނުކޮށް ކަމަށް ބުންޏެވެ.

އެކަމަކު ދައުލަތުން ބުނީ އެއްބަސްވުމުގެ ދަށުން ދެ ގޮތަކަށް އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށެވެ. އެގޮތުން ފެރީގެ ޚިދުމަތް ދިގު މުއްދަތަކަށް މެދުކެނޑޭ ހާލަތުގައި އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް އެއްބަސްވުމުގައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

ދީބާޖާއިން ބުނީ އެއްބަސްވުން އޮތްގޮތުން ނޯޓިހެއް ދިނުމެއް ނެތިި އެއްބަސްވުން ބާތިލް ކުރެވޭނީ ބޮޑު ބަޔަކުން ޚިދުމަތް މެދުކެނޑުމުން ކަމަށެވެ. އެހެންވެ، އެ ކުންފުނިން ޚިދުމަތް ދެމުން އައިި 50 ރަށުގެ ތެރެއިން 26 ރަށަކުން އެއްފަހަރާ ޚިދުމަތް މެދުކެނޑުމުން ނޫނީ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށާއި އެކަމަކު އެ މިންވަރަށް ފެރީގެ ޚިދުމަތް މެދުކެނޑުނު ކަމުގެ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ދީބާޖާއިން ބުންޏެވެ.

ފެރީގެ ޚިދުމަތް ބައެއް ރަށްރަށުގައި މެދުކެނޑުމުން އެކަންކަން އިސްލާހު ކުރަން ދީބާޖާއަށް ސަރުކާރުން ފުރުސަތު ދީފައި އޮތުމުން އެއީ ދީބާޖާއަށް ދައުލަތުން ލުއިތަކެއް ދިނުން ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

އެކަމަކު ދައުލަތުން ބުނީ ކަންކަން ރަނގަޅު ކުރަން އެންގުމަކީ އެއްބަސްވުމަށް އަމަލު ކުރުމުގައި ލުޔެއް ދިނުން ނޫން ކަމަށެވެ. އަދި އެއްބަސްވުމުގެ ކަންކަމަށް ލުޔެެއް ދޭ ނަމަ، އެކަން ކުރެވޭނީ ލިޔުމަކުން ކަމަށާއި އެހެންވެ، ކަމެއް ރަނގަޅު ކުރަން ދީބާޖާއަށް ފުރުސަތު ދިނުމަކީ އެއްބަސްވުމުގެ ކަމަކަށް ލުޔެއް ދިނުން ނޫން ކަމަށާއި ކަންކަން އިސްލާހުކުރަން ފުރުސަތު ދިނީ އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ނުގޮސް މައްސަލަ ހައްލުކުރަން ކަމަށް ދައުލަތުން ބުންޏެވެ.

ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

ދީބާޖާ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލިއިރު، އެ ކުންފުންޏާ އެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ދައުލަތުން ކުރިން އެއްބަސްވި އެވެ. އެކަމަކު ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ސުޕްރީމް ކޯޓަށް މައްސަލަ ހުުށަހަޅައިފަ އެވެ.

5 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޭސޯ

25 November 2021

ސްޕްރީމް ކޯޓުން ހުކުމެއް ކޮށްގެން ތިކަންނިމޭނެބާ، ކުރިންވެސް ހުކުމެއް ކުރި

The name is already taken The name is available. Register?

ކޮރަލް

25 November 2021

ބަދަލު ދޭނެ ހެން ވ ހީވެ އެވެ. ބަޖެޓް ފާސް ކުރި އިރު ވ ބަޖެޓް ބޮޑެވެ.

The name is already taken The name is available. Register?

ޗެކީ

25 November 2021

ހެޔޮނުވާނެ ބަޔަކު ތިވަރަށް ތަޅުވާކަށް. ތިހުރިހާ ކަމެއް ވީ ބަގާވާތް ކުރީމަ. މިއަދު ބަގާވާތް ކުރި މީހުން ރަގަޅު ވެއްޖެ. އިންސާފު ހޯދަދޭނަމޭ ބުނެގެން މިސަރުކާރު ގެނައީ

The name is already taken The name is available. Register?

މޭން

25 November 2021

ކުރިން މަ ހީކުރި ގޮތާ މުޅިން ތަފާތު ވެއްޖެ. ގޯސް ހަދާފަތިއޮތީ ސަރުކާރުން. ދީބާޖާ އަށް ބަދަލު ލިބެންޖެހޭނެ.

The name is already taken The name is available. Register?

ސީސެލް

25 November 2021

މިލިޔުން ކިޔާލުމުން ތިއެގްރީމެންޓް ބާތިލު ކުރީ ރަނގަޅަށް ނޫން ކަން އެބައިނގޭ، ސަރުކާރަކުންވެސް ހަމަ ހިތުހުރި ގޮތަކަށް ތިކަހަލަ އެގްރީމެންޓް ބާތިލެއް ނުކުރެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454