ބޮލީވުޑްގެ ކުރީގެ ބަތަލާ ނީލަމް ކޮތާރީގެ ފިރީމީހާ އެކްޓަރު ސަމީރު ސޯނީ ލިޔުނު ފުރަތަމަ ފޮތް "މައި އެކްސްޕެރިމެންޓްސް ވިތު ސައިލެންސް" ނެރެފި އެވެ.

މިދިޔަ މަހުގެ 27 ގައި ނެރެ މިހާރު ވިއްކަމުން އަންނަ މި ފޮތަކީ މުޖުތަމައު ތެރެއަށް އާންމުކޮށް ނުކުމެނޫޅޭ މާ ސޯޝަލައިޒް ނޫން މީހެއްގެ ގޮތުގައި ސަމީރް ހަޔާތުގެ އެކި ދުވަސްވަރުކުރި ތަޖުރިބާތަކުގެ ވާހަކަތައް ކިޔައި ދީފައިވާ އެއްޗެކެވެ. އެގޮތުން އޭނާ އާންމުކޮށް މީހުންނާ ޑީލްކުރާ ގޮތާއި ފިލްމީ ދާއިރާ ފަދަ ހަލަބޮލި ވަރަށް ބޮޑަށް "އެކްސްޕޯޒްވާ" ދާއިރާއަކަށް ނުކުމެ ކުރަން ޖެހުނު އެތައް ތަޖުރިބާއެއްގެ ވާހަކަ ފޮތުގައި ހިމެނޭނެ އެވެ.

"މައި އެކްސްޕެރިމެންޓްސް ވިތު ސައިލެންސް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަމީރު ކުރަމުން އަންނަ އިރު އޭނާ ބުނީ އެ ފޮތަކީ އަމިއްލަ ނަފުސު ވަޒަން ކުރަން ވެސް ބަޔަކަށް އެހީވެދޭނެ އެއްޗަކަށްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ސަމީރު، 53، އަކީ އާންމުކޮށް ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އެކްޓަރެކެވެ. އޭނާ އާއި ނީލަމް، 52، ކައިވެނިކުރީ 2011 ގަ އެވެ. ކައިވެންޏަށް އަހާނާ ސޯނީ ކިޔާ އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ.

ސަމީރު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަންގެ "ބާގްބާން"، ޝާހިދު ކަޕޫރްގެ "ވިވާ"، ޕްރިޔަންކާ ޗޯޕްރާގެ "ފެޝަން"، ސޯނަމް ކަޕޫރްގެ "އައި ހޭޓް ލަވް ސްޓޯރީޒް" އަދި ޓައިގާ ޝްރޮފްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ހިމެނެ އެވެ. މި އަހަރު ވެސް އޭނަގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ ޖޯން އަބްރަހަމްގެ "މުމްބާއީ ސާގާ" އާއި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އަދި އިމްރާން ހާޝިމީގެ "ޗެހެރޭ" އެވެ.

ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތައް ވެސް ކުޅޭ ސަމީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަނީ ލިއޯނީގެ "އަނާމިކާ" ހިމެނެ އެވެ.