ނޭޕީޑޯ (ޑިސެމްބަރު 6) - އަސްކަރީ ބަޣާވާތަކުން ވެރިކަން ވައްޓާލި މިއަންމާ ސަރުކާރުގެ އިސް ލީޑަރު އަން ސަން ސޫކީ ހަތަރު އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
އެކަމަނާ ކުށްވެރިވެފައި ވަނީ ސަރުކާރާ ދެކޮޅު އަމަލުތައް ހިންގުމާއި ކޮވިޑުގެ ގަވާއިދުތަކާ ޚިލާފުވުމެވެ. މިއީ ސޫކީގެ މައްޗަށް އުފުލާފައިވާ 11 ދައުވާގެ ތެރޭން އެއް ދައުވާގެ ހުކުމެވެ. ބާކީ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އެ ހުރިހާ ދައުވާއަކަށް ވެސް ސޫކީ އިންކާރު ކުރައްވަ އެވެ.
މިއަންމާގެ މަދަނީ ސަރުކާރު، ސިފައިން ނުކުމެ މިދިޔަ ފެބްރުއަރީ މަހު ވައްޓާލި ފަހުން ސޫކީ، 76، ހުންނެވީ ގޭ ބަންދުގަ އެވެ. ސިފައިންގެ ބަޣާވާތަށް ފަހު ކުރީގެ ސަރުކާރުގެ އިސް ވެރިން ވެސް ތިބީ ބަންދުގަ އެވެ. ސޫކީ ޖަލަށް ގެންދާނެ އިރެއް އަދި ނޭނގެ އެވެ.
ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީގެ ބައިވެރިޔާ އަދި ކުރީގެ ރައީސް ވިން މިންޓް ވެސް ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
ސޫކީގެ މައްޗަށް ސާބިތުވި އެއް ހުކުމަކީ މިދިޔަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި ސަޕޯޓަރުންގެ ގްރޫޕަކަށް އެކަމަނާގެ އަތުގެ އިޝާރާތުން ސަލާމް ކުރުމެވެ. އޭރު އެކަމަނާ ހުންނެވީ މާސްކް އަދި ފޭސް ޝީލްޑް ވެސް އަޅުއްވައިގެންނެވެ. އެކަމަކު އަސްކަރީ ސަރުކާރުން ނިންމީ ސޫކީ ގޮވިޑުގެ ގަވާއިދާ ޚިލާފުވި ކަމަށެވެ. އަނެއް ކުށަކީ އަސްކަރީ ބަޣާވާތާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައި ބަޔާނެއް ނެރުއްވުމެވެ.
ކޯޓުގައި ސޫކީގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އެކަމަނާގެ ވަކީލުންނަށް ވެސް ވަނީ މައުލޫމާތު ހާމަކުރުން މަނާކޮށްފަ އެވެ.
ސިފައިން ނުކުމެ ބަޣާވާތްކޮށް ވެރިކަން ވައްޓާލީ މިދިޔަ އަހަރުގެ އާއްމު އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ އިންތިޚާބު ވަނީ ބޮޑު ތަފާތަކުން ސޫކީގެ އެންއެލްޑީން ކާމިޔާބު ކޮށްފަ އެވެ.
ބަޣާވާތާ ދެކޮޅަށް ނުކުތް އާއްމު ރައްޔިތުންނާ ދެކޮޅަށް ސިފައިން ވަނީ ވަރަށް އަނިޔާވެރިވެފަ އެވެ. ފެބްރުއަރީގެ ފަހުން މިހާތަނަށް ވަނީ 10،600 މީހުން ހައްޔަރުކޮށްފަ އެވެ. މޮނިޓާރިން ގްރޫޕެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް އިން ބުނި ގޮތުގައި ބަޣާވާތަށް ފަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ 1،303 މީހުން މަރުވެފަ އެވެ.