ޔަންގޮން (ޑިސެމްބަރު 31) - މިޔަންމާގެ ކުރީގެ ލީޑަރު އައުން ސަން ސޫ ޗީ އިތުރު ހަތް އަހަރުގެ ޖަލަށް ލާން އަށް އެ ގައުމުގެ އަސްކަރީ ކޯޓުން ނިންމައި ޖުމުލަ 33 އަހަރަށް ޖަލުގައި ހޭދަ ކުރަންޖެހޭ ގޮތަށް ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރު ޖެނުއަރީގައި ސޫ ޗީ ވެރިކަމުން ދުރުކޮށް މިޔަންމާގެ ވެރިކަން މިހާރު ކުރަނީ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ ކޯޓަކުން ސޫ ޗީ އަށް ހަތް އަހަރުގެ ހުކުމެއް ކުރީ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކޮށްފަ އެވެ. އެ ދައުވާގައި ބުނެފައި ވަނީ ގުދުރަތީ ކާރިސާތަކުގައި އާންމުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ހެލިކޮޕްޓަރެއް ކުއްޔަން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.
މިހާރު ވެސް ބަންދުގައި ހުރި އުމުރުން 77 އަހަރުގެ ސޫ ޗީ އަށް އިއްވި ހުކުުމްތަކާއެކު އޭނާ އުމުރަށް ޖަލުގައި ހޭދަ ކުރައްވަން ޖެހޭނެ އެވެ. ޝަރީއަތުގައި ސޫ ޗީގެ ވަކީލުން ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތާ ބެހޭގޮތުން ސޫކީގެ ވަކީލުން ބުނީ އެ ޝަރީއަތްތަކަކީ ސިޔާސީ މަގުސަދެއް އޮވެގެން ސީދާ ސޫ ޗީ އަށް އަމާޒުކޮށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށެވެ.
ސޫ ޗީ އާއި އެ ގައުމުގެ ކުރީގެ ރައިސް މިއިންޓް ހިމެނޭގޮތަށް ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް މިޔަންމާގެ އަސްކަރީ ސަރުކާރަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ގޮވާލައިފަ އެވެ.