ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރާ މައި ހަބު، ޖޮއިންޓް އިންޓައޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި، ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ ސެންޓަރު ގާއިމްކޮށްފައިވަނީ ބަންޑާރަކޮށީގަ އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓުގައި ބުނީ ޖަޔޮކްގެ މަސައްކަތަކަށް ވާނީ ޓެރަރިޒަމް ފަދަ ނުރައްކާތެރި ހާލަތްތަކަށް ކުރިމަތިލާނެ ރޭވުންތައް ރާވައި ޕްލޭންތައް ފަރުމާކޮށް އޮޕަރޭޝަންތައް ހިންގުން ކަމަށެވެ.

ބަންޑާރަކޮށީގައި ގާއިމްކުރި ޖޮއިންޓު އިންޓައޭޖެންސީ އޮޕަރޭޝަން ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގޭގެ އިސްވެރިން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ބަންޑާރަކޮށީގައި ގާއިމްކުރި ޖޮއިންޓު އިންޓައޭޖެންސީ އޮޕަރޭޝަން ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގޭގެ އިސްވެރިން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ޓެރަރިޒަމްގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުތައް ތަންފީޒުކުރުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ރެސްޕޮންސް ޕްލޭންގެ ނަމުގައި ޕްލޭނެއް ވެސް އެކުލަވާލާފައިވެ އެވެ.

އެ ވެބްސައިޓުގައި ބުނީ ކްރޮސް ބޯޑާ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ސަލާމަތީ ނަޒަރަކުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް މިހާތަނަށް މަސައްކަތްކުރަމުން ދިޔައީ ސިފައިންގޭގައި އުފައްދާފައިވާ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުންނެވެ. އެކަމަކު، އަލަށް އުފެއްދި ސެންޓަރާއެކު، ކަމާގުޅޭ އިދާރާތަކާއެކު ކުރާ މަސައްކަތް ފުޅާވެގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުުހުން ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދިޔަ އެވެ. އަދި އެ އޮޕަރޭޝަނުގައި އެތައް ބަޔަކު ހައްޔަރުކުރި އެވެ.