އިލެކްޓްރިކް ކާރު ނުވަތަ (އީވީ) އުފައްދަން މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި މިހާރު ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދެމުން އަންނާތީ ޖަޕާންގެ މަޝްހޫރު ކުންފުނި ޓޮޔޮޓާ އިން އީވީ އަށް 35 ބިލިއަން ޑޮލަރު އިންވެސްޓްކޮށް، މަސައްކަތް އިތުރަށް ފުޅާކުރަން ނިންމައިފި އެވެ.
ކާރު އުފައްދާ އެންމެ ބޮޑު ކުންފުނިން އަންގާރަ ދުވަހު އިއުލާންކުރި ގޮތުގައި އަންނަ އަހަރާއި 2030 އާ ދެމެދު އީވީ އުފެއްދުމުގެ މަސައްކަތް ފުޅާކުރާ އިރު، ޓޮޔޮޓާ އިން އެކަމަށް 4 ޓްރިލިއަން ޔެން (35.2 ބިލިއަން ޑޮލަރު) އިންވެސްޓްކުރާނެ އެވެ.
އެ ކުންފުނިން މިފަދަ ޕްލޭނެއް އޮތްކަން އިއުލާންކުރި އިރު، އީވީ އުފެއްދުމުގެ ރޭހުގައި މިހާރު އެންމެ ވާދަވެރި ކުންފުނިތަކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ދުނިޔޭގެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ޓެސްލާގެ އިތުރުން އެމެރިކާގެ ޖެނެރަލް މޮޓޯސް (ޖީއެމް) ގެ އިތުރުން ޖަރުމަންގެ ވޯކްސްވާގަން އެވެ.
ޓޮޔޮޓާ އިން ބުނި ގޮތުގައި އީވީ އަށް އިންވެސްޓްކުރަން ނިންމާފައިވާ 35.2 ބިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ހޭދަކުރާނީ އީވީގެ ބެޓެރިތަކަށެވެ. އަދި އެއާ ގުޅުން ހުރި ޓެކްނޮލޮޖީތަކަށް ކުރިން ކަނޑައަޅާފައި އޮތް 1.5 ޓްރިލިއަން ޔެން (13.2 ބިލިއަން ޑޮލަރު) ގެ ބަދަލުގައި 4.4 ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.
މިހާރު ޓޮޔޮޓޯ އިން އަހަރެއްގެ ތެރޭގައި ވިއްކަނީ އީވީ އަށް ބޭނުންވާ ބެޓަރީގެ ވަރަށް ކުޑަ ނިސްބަތެކެވެ. އެކަމަކު މިހާރު އަމާޒަކީ 2030 އާ ހަމައަށްދާ އިރު، އީވީ އަށް ބޭނުންވާ ބެޓެރީގެ މަދުވެގެން 30 މޮޑެލްއެއް ނެރުމެވެ. އޭގެ މާނައަކީ އެހާތަނަށް ދާއިރު ޓޮޔޮޓާ އިން އަހަރަަކު 3.5 މިލިއަން ޑޮލަރުގެ އީވީ ވިއްކާނެ އެވެ.
ކުންފުނީގެ ރައީސް އަކިއޯ ޓޮޔޯޑާ ވިދާޅުވި ގޮތުގައި ކުންފުނީގެ ކުރިއަށް އޮތް އިންވެސްޓްމަންޓް ޕްލޭނާ އެކު އީވީ އުފެއްދުމުގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ އެވެ. ކުންފުނިތަކުން މިހާރު އީވީ އަށް ސަމާލުކަންދޭ މައިގަނޑު ސަބަބަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް އިތުރުކުރުމެވެ.
ޓޮޔޮޓާގެ އީވީ ޕްރޮޖެކްޓްގެ މައިގަނޑު ބްރޭންޑެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ "ލެކްޒަސް ލަގްޒަރީ" އެވެ. އަދި އަމާޒަކީ 2030 އާ ހަމައަށް އަންނަ އިރު އޭގެ އެއް މިލިއަން ކާރު ވިއްކުމެވެ.
ޓޮޔޮޓާ އަކީ މީގެ 84 އަހަރު ކުރިން 1937 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.