ތުރުކީގައި ޝޫޓްކޮށްފައިވާ ދިވެހި ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މީގެ ކުރިން ވެސް ހިތްގައިމު ވީޑިއޯ ލަވަތަކެއް ގެނެސްދީފައިވާ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) ޕްރޮޑިއުސްކޮށް، ކުޅެފައިވާ މި ލަވަ އަކީ ވޭރިއަސް ސްޓޫޑިއޯސްގެ ތައްގަނޑުގައި ގެނެސްދޭ "ތިޔަ ސޫރަ" އެވެ. މިހާރު ޓްރެއިލާއެއް ވެސް އާންމުކޮށްފައިވާ މި ލަވައިގައި ޖާދުއާ އެކު ފެންނާނީ ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" އިން ވިދައިލި ފާތުމަތު ޝަރާ އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) މެލޮޑީ ހަދައި އޭނަ އާއި އައިޝަތު ޖޫނީ ޖިނާހުގެ އަޑުން ކިޔާފައިވާ ލަވައިގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.
ތުރުކީގެ ހިތްގައިމު މަންޒަރުތަކެއް ފެންނާނެ ލަވަ "ތިޔަ ސޫރަ" އަކީ ހަދަން އާދަމްގެ ޑައިރެކްޝަނެކެވެ. ލަވަ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި އޮތީ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ގަ އެވެ.
ޖާދު އަކީ ކުރިން ވެސް އޭނަގެ ވީޑިއޯ ލަވަތައް ރާއްޖޭން ބޭރުގައި ޝޫޓްކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އޭނާގެ ކުރީގެ ބައެއް ލަވަތައް ސްރީ ލަންކާގައި ޝޫޓްކޮށް، ބައެއް ލަވަތަކުގައި އެ ގައުމުގެ ފަންނާނުން ބައިވެރި ވެސް ކޮށްފައިވެ އެވެ.