ހިއުމަން ޓްރެފިކިން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހަކާއި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި މާލޭ މީހެއް ކަމަށްވާ މުހައްމަދު ވަހީދު 65، އާއި ސ. ހިތަދޫ މީހެއް ކަމަށްވާ މޫސާ ފަތުހީ 55، ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 10 ދުވަސް ދީފަ އެވެ. މި ދެ މީހުންގެ މައުލޫމާތު ކްރިމިނަލް ކޯޓުން ކުރިން ހާމަކޮށްފައި ވިޔަސް ދެން މި މައްސަލާގައި ހިމެނޭ ފުލުހަކާއި ބިދޭސީއެއްގެ މައުލޫމާތު ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28-65 އަހަރާ ދެމެދުގެ ހަތަރު މީހަކު ކަމަށެވެ. އޭގެ ތެރޭގައި ފުލުހަކާއި ބިދޭސީއެއް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހާއި ބިދޭސީ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ޖިނާއީ ތަހުގީގު ކުރިއަށްދާތީ، މި މައްސަލާގައި ހިމެނޭ ފުލުސް މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
މި މައްސަލައާ ބެހޭ ތަފްސީލެއް ފުލުހުން ނުދިނެވެ.