ބޮލީވުޑްގެ މި ޖީލުގެ ބަތަލާއިންގެ ތެރެއިން ނަމޫނާއަކަށް ބަލަނީ އާލިއާ ބަޓަށް ކަމަށް ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ފިލްމު "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް 26 އަހަރުގެ ސާރާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އާލިއާ އަކީ މި ފަހުން ބޮލީވުޑަށް ނުކުތް ގިނަ ތަރިންތަކަކަށް ބޮޑު އިންސްޕިރޭޝަނެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑަސްޓްރީގެ ނުފޫޒު ގަދަ ބަތަލާއަކަށް އާލިއާވެގެން ދިޔައީ ހުނަރާއި ބުރަ މަސައްކަތުން ކަމަށް އޭނާ ބުންޏެވެ.

އެހެންވެ ފިލްމީ ކެރިއަރުގައި ކުރިއަށްދާ އިރު އަބަދު ވެސް އާލިއާގެ ކެރިއަރު މިސާލަކަށް ބަލާނެ ކަމަށް ސައިފް އަލީ ޚާންގެ ދަރިފުޅު ބުންޏެވެ.

"އަހަރެމެންގެ މި ޖީލުގެ ބަތަލާއިންގެ ތެރެއިން އާލިއާ އަކީ ހަމަ ޔަގީނުން ވެސް އެންމެ ފާހަގަކޮށްލެވޭ އެކަކު،" ސާރާ ބުންޏެވެ. "އަދި އޭނާ އަކީ އަހަރެން ނަމޫނާއަކަށް ބަލާ މީހެއް."

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ތަގޯރަށް މާމަކިޔާ އުންމީދީ ބަތަލާ ބުނި ގޮތުގައި ފިލްމީ ދަތުރު މިހާރު ކުރިއަށްދާ މިސްރާބާ ދޭތެރޭ ހިތްހަމަޖެހެ އެވެ. އެގޮތުން ރަނގަޅު ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރަން ލިބޭތީ އެކަމާ އުފާވާ ކަމަށް ވެސް ބުންޏެވެ.

"ކޭދަރުނާތު" ގައި ޑައިރެކްޓަރު އަބީޝެކް ކަޕޫރާ އެކު މަސައްކަތްކުރުމަށް ފަހު ރޯހިތު ޝެޓީގެ "ސިމްބާ" އާއި އިމްތިއާޒް އަލީގެ "ލަވް އާޖް ކަލް" އާއި ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" އަދި އެންމެ ފަހުގެ ފިލްމު "އަތުރަންގީ ރޭ" އާ އެކު، އާނަންދު އެލް ރާއީއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ސާރާ އަށް ލިބުނެވެ. މި ހުރިހާ ޑައިރެކްޓަރުންނަކީ ވެސް ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މިފަހުން ސަރާ ބުނި ގޮތުގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތްކުރުމަކީ އެންމެ ބޮޑު އެއް ހުވަފެނެވެ. ސާރާ މިހާރު އަންނަނީ މިދިޔަ އަހަރު "މިމީ" ގެނެސްދިން ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. މީގައި އޭނާ ފެންނާނީ ވިކީ ކޯޝަލާ އެކީގަ އެވެ.

އާލިއާ ދާ މަގުން ދާން ސާރާ ހިނގަން އަމާޒު ހިފާފައިވާ އިރު، އާލިއާ އަކީ މި ވަގުތު ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ވަރުގަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ ބަތަލާއެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޑީ" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔަން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ޖަސްމީތު ކޭ ރީންގެ "ޑާލިންސް" ގެ އިތުރުން ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.