އާލިއާ ބަޓަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާ އެވެެ. އުމުރުން އެންމެ 19 އަހަރުގައި ކަރަން ޖޯހަރުގެ 2012 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ކެރިއަރު ފަށައިގަތް މި ބަތަލާ އަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ނުލިބޭ ކާމިޔާބީއެއް ނެތެވެ. ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ހޯދައިފި އެވެ. އެތަކެއް އެވޯޑެއް ހޯދައިފި އެވެ. އެންމެ ގިނަ އޮފާތައް އޮހޭ އެއް ބަތަލާއަކީ އޭނާ އެވެ. އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ދާދި ފަހުން ލޯންޗްކޮށްފި އެވެ. އަމިއްލަ ފެޝަން ލައިނެއް ވެސް ހިންގަ އެވެ.

ފިލްމު ކުޅެން ފެށި ފަހުން މުމްބާއީން އަގު ބޮޑު އެޕާޓްމަންޓެއް ގަނެގެން އެތަނަށް ބަދަލުވެއްޖެ އެވެ. ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ވެނިޓީ ވޭން އޮތީ އޭނާގެ އަތުގަ އެވެ.

ލޯބިވެރިޔާއަކީ އިންޑިއާގެ އެންމެ ވަރުގަދަ ފިލްމީ ހާންދާނު ކަޕޫރު ހާން ހާން ދާނަށް ނިސްބަތްވާ ރަންބީރު ކަޕޫރެވެ. ބައްޕައަކީ ބޮލީވުޑުން ފެނުނު އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ކަމަށްވާ މަހޭޝް ބަޓެވެ.

މެންޓޯ ކަރަން ހުރީ އާލިއާ ކުރިއަރުވަން ކުރެވުނު ހުުރިހާ މަސައްކަތެއް ކުރަން ފޫގަޅައިގެންނެވެ. އޭނާ ފިލްމު ކުޅެން ފެށި ފަހުން ކަރަންގެ ދަރުމާ ޕްރޮޑަކްޝަންގެ އެންމެ ވަރިގަދަ ފިލްމުތަކުން ފުރުސަތު ލިބެނީ އާލިއާށެވެ.

އާލިއާ އަށް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި އޭނާ އެހާ އަވަހަށް ކުރިއަރައިގެން ދިޔައީ ކަރަން ފަހިކޮށް ދިން ފުރުސަތަކުންނެވެ. އަދި އާލިއާ ނޫން އެހެން ކޮންމެ ބަތަލާއަކަށް ކަރަން ކަހަލަ ނުފޫޒު ގަދަ މީހެއްގެ އެހީ އާއި މަދަދު ލިބޭ ނަމަ އާލިއާ ހޯދި ކާމިޔާބީ ހޯދާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ އާލިއާއަކީ ހަމަ ވަރަށް ކުޅަދާނަ ބަތަލާއެއް ކަމެވެ. އޭނާ ކުޅުނު ކޮންމެ ފިލްމަކުން ވަނީ އެކްޓް ކުރެވޭ ސާބިތުކޮށް ދީފަ އެވެ. ކެރިއަރަށް 7 އަހަރުވީ އިރު، ބަތަލާގެ ރޯލް މިހާތަނަށް ކުޅުނު 11 ފިލްމުގެ ތެރެއިން ފްލޮޮޕްވީ އެންމެ ފިލްމެކެވެ. އެއީ 2015 ގެ "ޝާންދާރު" އެވެ. އާލިއާގެ ކެރިއާ ގްރާފަށް ބަލައިިފި ނަމަ، އެ ގްރާފް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އުފެލުމުންނެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ" ގައި ވަރަށް ގްލެމެރަސް މި ޒަމާނުގެ ކޮލެޖް އަންހެން ކުއްޖެއްގެ ރޯލް ކުޅެފައި، ދެވަނަ ފިލްމު "ހައިވޭ" އަކީ އެ ފިލްމު ބަލައިފި ނަމަ އޭނާ ނުކުޅޭނޭ ބުނާ ކަހަލަ ފިލްމެކެވެ. ގްލެމަރަސް ކަމެއް ނެތެވެ. މުޅި ފިލްމުގައިހެން އޭނާ ފެނިގެން ދިޔައީ މޭކަޕެއް ނެތި ވަރަށް ރޯކޮށެވެ.

އަނެއްކޮޅުން "ހައިވޭ" އަކީ ކަރަން ފޫބުޑުގައި ވިއްދާފައި ހުރެގެން ކުރިއަރުވަން އުޅޭ ބަތަލާއަކު ފެންނާނެ ކަމަށް ގަބޫލު ކުރަން ދަރިވާ ކަހަލަ ރޯލެއް އާލިއާ ކުޅުނު ފިލްމެކެވެ. އެ ފިލްމުގެ ޑައިރެކްޓަރު އިމްތިއާޒް އަލީއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ.

"ހައިވޭ" ގެ އިތުރުން "އުޅުތާ ޕަންޖާބު" އަކީ އާލިއާ އަދި މާ ތަފާތު ގޮތަކަށް ދައްކައިލި ފިލްމެކެވެ. އޭގައި އޭނާ ކުޅުނު ރަށްފުށުގެ ނިކަމެތި އަންހެން ކުއްޖެއްގެ ރޯލަކީ އާލިއާގެ ގްލެމަރަސް އިމޭޖާ އަދި މާބޮޑަށް ވެސް ނުގުޅޭ ކަހަލަ ފިލްމެވެ. އެކަމަކު ކަރީނާ ކަޕޫރް ވެސް ރޯލެއް ކުޅުނު އެ ފިލްމުގައި ދައްކުވައި ދިން ވަރުގަދަ އެކްޓިންއާ އެކު އާލިއާ ވަނީ ކަރީގެ ރޯލަށް ވެސް ހިޔަނި އަޅައިފަ އެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އާލިއާގެ ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ނެތް ނަމަ އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން އޭނާ އަށް ފުރުސަތު ނުލިބޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް ސަންޖޭ ލީލާ ބަންސާލީ ފަދަ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބޭނީ ވަރަށް ވެސް ހުނަރު ހުރި ބަތަލާއަކަށެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "އިންޝާﷲ" އިން ފުރުސަތު ހޯދުމަށް ފަހު، އާލިއާ ވަނީ އޭނާއަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެއް ބަތަލާކަން ސާބިތުކޮށް ދީފަ އެވެ.

ދެން ގަބޫލު ކުރަން ޖެހޭ ކަމަކީ ބަންސާލީއަކީ އޭނާގެ ފިލްމަކަށް ވަކި މީހަކު ބުނީތީ، ވަކި ސްޓާރަކު ނަގާނެ ޑައިރެކްޓަރެއް ނޫން ކަމެވެ. އެހެންވެ އޭނާގެ ފިލްމަކުން އާލިއާ އަށް ފުރުސަތު ލިބުމަކީ ކަރަންގެ އަތެއް އޮވެގެންވީ ކަމެއް ކަމަށް ގަބޫލު ކުރެވޭ ނަމަ އެއީ މުޅިން ގޯހެކެވެ. އާލިިއާގެ ކެރިއަރުގެ ބޮޑު ހިއްސާއަކަށް ކަރަން ވި ނަމަވެސް، ބަންސާލީ ކަހަލަ ޑައިރެކްޓަރެއްގެ ފިލްމެއް ކަރަން ބުނެގެން، އާލިއާ އަށް ދޭނެ ކަމަކަށް ގަބޫލުކޮށްގެން ނުވާނެ އެވެ.

އާލިއާ ހޯދަމުން އަންނަ ކާމިޔާބީތަކަށް ބަލާ އިރު، އޭނާއާ އެއް ހަމައަކަށް ދާން އެ އުމުރުގެ ބަތަލާއަކަށް އަންނަން ޔަގީނުން ވެސް ފަސޭހައެއް ނުވާނެ އެވެ. ބަތަލާއަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފަކީ ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބުމެވެ. އެ ރޭހުގައި އާލިއާ މިހާރު ހުރީ އެއް ވަނައިގަ އެވެ. އޭނާގެ އަތުގައި ބޮޑެތި ފިލްމުތަކެއް އެބަ ހުއްޓެވެ. މިއީ ހަގީގަތުގައި ބޮލީވުޑްގެ ގިނަ ބަތަލާއިން މިހާރު އާލިއާ އަށް ހަސަދަވެރި ވާނެ ކަމެކެވެ.

"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ ތާރީހީ ހަނގުރާމަ ފިލްމު "އާރްއާރްއާރް" ގެ ބަލަތާއަކީ ވެސް އާލިއާ އެވެ. ކަރަން ޖޯހަރު އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގެ އެއް ބަތަލާއަކީ އާލިއާ އެވެ. ބައްޕަ މަހޭޝް ބަޓް 24 އަހަރު ފަހުން އަލަށް ޑައިރެކްޝަނަށް ނުކުންނަން ވެސް ބޭނުންވީ ހަގު ދަރިފުޅު ދައްކަމުން އަންނަ ކުޅަދާނަކަމެވެ.

ފިލްމު "ސަޅަކް 2" އަކީ އާލިއާ ކުޅޭނެ، އާއިލީ ފިލްމު ކުންފުނީގެ ފުރަތަމަ ފިލްމު ވެސް މެ އެވެ. އޭނާ މިހާތަނަށް ހޯދި ކާމިޔާބީތައް ހޯދާފައި ވަނީ މުޅިން ވެސް އެހެން ޕްރޮޑަކްޝަން ހައުސްތަކާ އެކު މަސައްކަތްކޮށްގެންނެވެ.

އެހެންވެ ފިލްމީ އާލިއާއަކަށް ނިސްބަތްވީތީ ފަސޭހަ އިން ފުރުސަތުތައް ލިބި "ނެޕޮޓިޒަމް" ގެ ލޭބަލް އާލިއާގެ ނިތްކުރީގައި ޖަހަން އުޅުނަސް ހަގީގަތުގައި އެކަމެއް އެހެން ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އޭނާގެ އާއިލީ ފިލްމު ކުންފުނި ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސްގެ އެއްވެސް ފިލްމެއްގައި މިހާތަނަށް މަސައްކަތްކޮށްފައި ނެތުމެވެ. އެ ކުންފުނީގެ އަތެއް އޭނާގެ ކާމިޔާބީއަކު ނެތެވެ.

ޑައިރެކްޓަރު ސޫރަޖް ބަރުޖަތިއާ އާއި އަދިތިޔާ ޗޯޕްޅާއާ އެކު މަސައްކަތްކޮށްލެވުމުން އާލިއާ އަށް ދެން ބޮލީވުޑުން އިތުރަށް ބޭނުން ވާނެ ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އޭނާގެ ކެރިއަރުގެ މިސްރާބު ހުރި ގޮތަށް ބަލާ އިރު، އެ ދެ ޑައިރެކްޓަރުންފެ ފިލްމުތަކުން ވެސް އާލިއާ އަށް ފުރުސަތު ނުލިބިއެއް ނުދާނެ އެވެ.

އާލިއާގެ ދެން އެންމެ އަވަހަށް ރިލީޒް ވާން ހުރީ ވެސް ބޮޑެތި ވަރުގަދަ ފިލްމުތަކެކެވެ. އެއީ ކަރަންގެ ދަރުމާ އިން މި މަހުގެ 17 ގައި ގެނެސްދޭ ޕީރިއަޑް ޑްރާމާ "ކަލަންކް" އާއި ހިންދީ ސިނަމާ އަށް މި އަހަރު އަންނާނެ އެންމެ ތަފާތު ފިލްމު ކަމަށްވާ "ބުރައްމަސްތުރާ" އެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ކަލަންކް" އިން އެންމެ ވަރުގަދަ އެއް ރޯލް ލިބުނު ބަތަލާއަކީ ވެސް އޭނާ އެވެ. މި ފިލްމުގެ ދެން ތިބި ކާސްޓުންނަށް ބަލާ އިރު، ދެން ތިބީ މުޅިން އަލަށް ޑައިރެކްޓަރު އަބީޝެކް ވަރުމަންއާ އެކު މަސައްކަތް ކުރި ތަރިންނެވެ. އޭނާ އެކު އާލިއާ ވަނީ 2014 ގެ "2 ސްޓޭޓްސް" ގައި މަސައްކަތްކޮށްގަ އެވެ. ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ އަޔާން މުކަރުޖީގެ "ބުރައްމަސްތުރާ" އަކީ ކަރަން މިހާތަނަށް ޕްރޮޑިއުސް ކުރާ އެންމެ އަގުބޮޑު ފިލްމު ވެސް މެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2015 ގައި "މަސާން" ގެނެސް ދިން ޑައިރެކްޓަރު ނީރަޖް ގިއަވާން، ދެން ހަދާ ފިލްމުގެ ބަތަލާގެ ރޯލް ވެސް ވަނީ އާލިއާ އަށް ދީފަ އެވެ.

އާލިއާ ހޯދަމުން އަންނަ ކާމިޔާބީތަކަށް ބަލާ އިރު، ބެލެވޭ ގޮތުން އޭނާއަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ހާނުންގެ ގޮތުގައި ސިފަ ކުރާ ޝާހްރުކް ހާނާއި ސަލްމާން ހާނާއި އާމިރު ހާނާ އެކު މަސައްކަތް ކުރި މަދު ބަތަލާއިންގެ ލިސްޓުން ވެސް ޖާގަ ހޯދާނެ ތަރިއެކެވެ. ޝާހްރުކްއާ އެކު 2016 ގެ "ޑިއާ ޒިންދަގީ" ގައި އާލިއާ މަސައްކަތްކޮށްފި އެވެ. އަންނަ އަހަރު ރިލީޒް ކުރާ "އިންޝާﷲ" ގައި ސަލްމާނާ އެކު އޭނާ ފެނިގެން ދާނެ އެވެ.

ދެން އޮތީ ހަމައެކަނި އާމިރާ އެކު މަސައްކަތްކޮށްލުމެވެ. ހަބަރުތައް ބުނާ ގޮތުން އާމިރާ އެކު އާލިއާ ފެންނާނެ ކަމަށް ބެލެވޭ ޕްރޮޖެކްޓެއް މިހާރު ވެސް އޮތީ ރާވައިފަ އެވެ. އެއީ 2016 ގައި އާލިއާ އެކު "ކަޕޫރް އެންޑް ސަންސް" ގެނެސް ދިން ޝަކުން ބަޓްރާ، އިންޑިއާގެ ކުރީގެ ސްޕްރިޗްއަލް ގްރޫ އޯޝޯ އަށް ބިނާކޮށް ހަދާ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ބަތަލާއަކީ އާލިއާ އެވެ.

ހަމައެކަނި ފިލްމު ކުޅެގެން އާލިއާ ބޮޑު އާމްދަނީއެއް ވެސް ހޯދަނީކީ ނޫނެވެ. އޭނާއަކީ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ދީގެން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ބަތަލާ އެވެ. އަނެއްކޮޅުން އާލިއާއަކީ ހުނަރުވެރި ލަވަކިޔުންތެރިއެއް ވެސް މެ އެވެ.

މި ހުރިހާ ކަމަކަށް ބަލާ އިރު އުމުރުން 26 އަހަރުގެ މި ބަތަލާ ހުރި ހިސާބަށް ދާން އެހެން ބަތަލާއިން ލައްކަ މަސައްކަތް އަދި ކުރަން ޖެހޭނެ އެވެ. ނަސީބަކީ ވެސް ކާމިޔާބީއާ ގުޅިފައި އޮންނަ އެއްޗެކެވެ. އާލިއާއަކީ ހަގީގަތުގައި ވެސް ވަރަށް ނަސީބު ގަދަ ބަތަލާއެކެވެ.

ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ 4 ފިލްމެއް ވަނީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދައިފަ އެވެ. އާލިއާއަކީ ކުޅޭ ފިލްމުތައް ހިޓަކަށް ހަދައި ދޭނެކަން މިހާރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ގެރެންޓީކޮށްދޭ ބަތަލާއެކެވެ. އެހެންވެ ފިލްމުތައް އޭނާ ނުއޮހެންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ.