އާލިއާ ބަޓް އާއި ޝަރްވަރީ ލީޑް ރޯލް ކުޅެފައިވާ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ އާ ފިލްމު "އަލްފާ"ގެ އާމްދަނީ ހޯމަ ދުވަހު ބޮކްސް އޮފީހުގައި ވަރަށް ބޮޑަށް ދަށްވުމަަށް ފަހު، އިއްޔެ ކުރިއެރުން ހޯދައި 50 ކްރޯޑް ރުޕީސްއާ ގާތްކޮށްފި އެވެ.

މިއީ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގައި އަންހެން ތަރިން ލީޑުގައި ހިމަނައިގެން އުފެއްދި ފުރަތަމަ ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި އިންޑިއާ އިން އެކަނިވެސް 34 ކްރޯޑް ރުޕީސް (3.6 މިލިއަން ޑޮލަރު) ހޯދުމަށް ފަހު، ހޯމަ ދުވަހު ފިލްމުގެ އާމްދަނީ 70 ޕަސެންޓު ދަށްވި އެވެ. އެ ދުވަހު ލިބުނީ އެންމެ 3.85 ކްރޯޑް ރުޕީސް އެވެ. ނަމަވެސް، އިއްޔެ ފިލްމުގެ ވިޔަފާރި ވަނީ 10 ޕަސެންޓު ކުރިއަރައި، އެ ދުވަހު އެކަނިވެސް 4.25 ކްރޯޑް ރުޕީސް ލިބިފަ އެވެ.

މި ކުރިއެރުމާ އެކު، ފިލްމު ރިލީޒްކުރިތާ ފަސް ދުވަސް ތެރޭގައި އިންޑިއާ އިން އެކަނި ވަނީ ޖުމްލަ 42.10 ކްރޯޑް ރުޕީސް (4.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ. 

އިންޑިއާގެ ފިލްމީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި، މި ފިލްމަށް ކުރި ހަރަދު ފޫބެއްދުމަށް އިންޑިއާގެ ބާޒާރުން މަދުވެގެން 100 ކްރޯޑް ރުޕީސް އަދި ދުނިޔޭގެ ބާޒާރުން 150 ކްރޯޑް ރުޕީސްގެ ޖުމްލަ އާމްދަނީއެއް ހޯދަން ޖެހޭނެ އެވެ. އެހެންވެ، ފުރަތަމަ ހަފުތާ ނިމުމުގެ ކުރިން އިންޑިއާ އިން 50 ކްރޯޑް ރުޕީސް ހަމަކުރުމަކީ ފިލްމަށް ވަރަށް މުހިންމު ކަމެކެވެ.

"އަލްފާ" އުފެއްދީ 100-130 ކްރޯޑް ރުޕީސް (10.5-13.7 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. 

އުދޭ ޗޯޕްރާ ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމު ޑައިރެކްޓުކުރީ ޝިވް ރަވައިލް އެވެ. އާލިއާ އާއި ޝަރްވަރީއާ އެކު ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރެވެ. އަދި ހާއްސަ ފެނިލުމަކުން ރިތިކް ރޯޝަން ވެސް ފެނެ އެވެ. 

މި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ފަރާތުން ލިބެމުންދަނީ އެކި ކަހަލަ ހިޔާލުތަކެވެ. ފިލްމުގެ ވާހަކަ ބަލިކަށިވުމުން ބައެއް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ފިލްމުގެ އެކްޝަން މަންޒަރުތަކަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. އަދި އާލިއާގެ އެކްޓިންއަށް އެކި ކަހަލަ ފާޑުކިޔުންތައް ލިބެމުންދާއިރު، ޝަރްވަރީގެ ހުށަހެޅުމަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.