ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް މިދިޔަ ސެޕްޓެމްބަރު މަހު ލިބުނު ސްޕެއިންގެ ސަޓަނީނޯ ޑި ލާ ފުއެންޓާ ގާޝިއާ 112 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި އޭނާ މަރުވި އިރު އުމުރަކީ 112 އަހަރާއި 341 ދުވަހެވެ. ސްޕެއިންގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ ޕުއެންޓޭ ކާސްޓްރޯ އަށް ސަޓަނީނޯ އުފަންވީ ފެބްރުއަރީ 11، 1909 ގަ އެވެ.
އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް އޭނާ އަށް ސެޕްޓެމްބަރު މަހު ލިބުނީ ކުރިން ރެކޯޑް އޮތް ޕިއުޓެ ރިކޯގެ އެމިލިއޯ ފްލޯރެސް މާކްއެޒް 113 އަހަރުގައި އޮގަސްޓް މަހު މަރުވުމާ ގުޅިގެންނެވެ. އޭނާ އަށް އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ލިބުނީ ޖޫން މަހުގެ ތެރޭގަ އެވެ.
އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުމާ އެކު ސަޓަޓީނޯ ބުނެފައިވާ ގޮތުގައި ދިގު އުމުރުގެ ސިއްރަކީ ރުޅިމަޑުކަމާއި ހިތްހެޔޮ ސާދާ މިޒާޖެވެ. ސަޓަޓީނޯ އަކީ ހަތް އަންހެން ދަރިންގެ ބައްޕައެކެވެ. އޭނާ މަރުވި އިރު، 14 ކާފަދަރިންނާއި 22 މުނިކާފަދަރިން އެބަތިއްބެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެނަކީ ޖަޕާންގެ ކޭން ޓަނާކާ އެވެ. ޖެނުއަރީ 2، 1903 ގައި އުފަންވި މީހާގެ މިހާރުގެ އުމުރަކީ 119 އަހަރެވެ.