އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް މާޒިޔާއިން ފަސޭހަކަމާ އެކު މޮޅު ވެއްޖެ އެވެ.
ގުރޫޕް އޭގެ މި މެޗު މާޒިޔާ ކާމިޔާބުކުރީ 3-0 އިންނެވެ. މާޒިޔާ އިން މޮޅަށް ކުޅުނު މި މެޗުގައި ވަނީ ގްރީން ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗު ފެށިގެން މާޒިޔާގެ ފަދްލު އިޝްފާގު އޭރިއާ ތެރެއިން ހުސް ކޮށްލާފައި ދިން ބޯޅަ އެޓީމުގެ މުހައްމަދު އުވެއިސް ޖެހުމުން ގްރީންގެ ކީޕަރު އަލީ އަބާން މުހައްމަދު ވަނީ ދިފާއު ކޮށްފަ އެވެ.
މާޒިޔާ އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ކޯނަރެއް ސީދާ ގޯލުގެ މަތީ ކަނަށް ފިނުވާލައިގެން ލީޑު ނަގައިފަ އެވެ. މެޗުގެ ނުވަވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު އުވެއިސް އެވެ.
މި ގޯލަށް ފަހު ވެސް މާޒިޔާއިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އޭރިއާ ބޭރުގައި ހުރެ އާދަމް ލަޔާން ރަޝީދު ފޮނުވާލި ބޯޅަ ގޯލު އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ގްރީންގެ ކީޕަރު ވަނީ މާޒިޔާގެ ލަޔާން ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
މި ހާފުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާ ކުޅުމުގެ ތެރަށް އައީ ކީޕަރު ބޯމަތިން ގޮސް ހުރަސް ދަނޑީގައި ޖެހި، ގޯލް ލައިންގައި ވެސް ޖެހިފަ އެވެ. ޔޫޝައު ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ ގޯލް ލައިނުން އެތެރޭގައި ޖެހިފައި ކަމަށް މާޒިޔާގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.
ފުރަތަމަ ހާފުގެ 29 ވަނަ މިނިޓުގައި މާޒިޔާއަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ނާކާމިޔާބުވެފަ އެވެ. މާޒިޔާގެ ކެޕްޓަން މުހައްމަދު އިޔާން ހަސަން އަށް ގްރީންގެ އަހުމަދު ޝާދު ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ލަޔާން ފޮނުވާލުމުން ކީޕަރު އަބާން ވަނީ ދިފާއު ކޮށްފަ އެވެ.
އެއަށް ފަހު ފްރީ ކިކަކުން އުވެއިސް ފޮނުވާލި ބޯޅަ މަތީ ދަނޑިއަށް އަމާޒުވި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ޔޫޝައު ފްރީކިކުން ނަގައިދިން ބޯޅަ ގޯލު ތެރަށް ފޮނުވާލައިގެން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ކެޕްޓަން އިޔާން އެވެ.
ދެވަނަ ހާފުގެ ހަތްވަނަ މިނިޓުގައި ގްރީން ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑަކުން މާޒިޔާއަށް ވަނީ ތިން ގޯލުގެ ލީޑެއް ލިބިފަ އެވެ. މި ގޯލު ވަނީ މާޒިޔާގެ ކަނާތު ބެކް މުހައްމަދު ނާއިޝް އަސްޖަދު ހުރަސް ކޮށްލި ބޯޅަ ގްރީންގެ މުހައްމަދު ވިޔާމް ވަހީދު ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.
މެޗުގެ ފަހު ވަގުތު މާޒިޔާާއަށް ވަނީ ނަތީޖާގެ ފަރަގު ބޮޑު ކޮށްލަން ހުސް ތިން ފުރުސަތެއް ލިބިފަ އެވެ. ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް މާޒިޔާގެ ބަދަލު ކުޅުންތެރިޔާ އަބްދުﷲ ރިފާހު ހުރަސް ކޮށްލި ބޯޅަ ގްރީންގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި އޭރިއާ ތެރޭ ހުސްކޮށް ހުރި މުހައްމަދު ސާއިން ސަލީމް ފޮނުވާލުމުން ގޯލު މަތިން ބޭރަށް ދިޔައިރު، ޔޫޝައު އޭރިއާ ތެރެއިން ގްރީންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ އިތުރު ވަގުތުގައި ޔޫޝައު ގްރީންގެ ހަތް ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ބޯޅަ ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ.
ޔޫތު ޗެމްޕިއަންޝިޕުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް ބީގެ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާ އެވެ.