އިޒްރޭލުގެ އަސްކަރީ އޮފިސަރަކު ފަލަސްތީންގެ ގާޒާގެ ބޯޑަރުން އެތެރެ އަށް ބަޑިއަކުން އުންޑަ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުކުރުމުން 10 ދުވަހަށް ޖަލަށް ލައިފި އެވެ.
އިޒްރޭލު ޑިފެންސް ފޯސް (އައިޑީއެފް) އާ ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮފިސަރު އަސްކަރީ ޖަލެއްގައި 10 ދުވަހަށް ބަންދުކުރީ އޮފިސަރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކޮށްފައި ވާތީ އެވެ.
ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ އެއްވެސް މީހެއްގެ ހިލަމެއް ނެތް ހާމަކަން ބޮޑު ސަރަހައްދެއްގައި ހުއްޓިގެން ޔުނިފޯމްގައި ހުރި އިޒްރޭލުގެ އަސްކަރީ އޮފިސަރަކު ބަޑިއަކުން ގާޒާއާ ދިމާ އަށް ވައިގެ ތެރެ އަށް އުންޑަ ފޮނުވާ ތަނެވެ. މި ވީޑިއޯއާ ގުޅިގެން އައިޑީއެފުން ބުނީ އޭގައި ފެންނަނީ އަސްކަރީ އޮފިސަރެއްގެ ފަރާތުން ފެނިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށާއި އެކަމަކީ އަސްކަރިއްޔާއާ ގުޅުން ހުރި ކަމެއް ވެސް ނޫން ކަމަށެވެ.
އެ ވީޑިއޯ އިޒްރޭލުގެ ބައެއް ނޫސްވެރިން ވެސް ޓުވިޓާގައި ޕޯސްޓްކޮށްފައިވެ އެވެ.
ވީޑިއޯގެ މައްސަލައިގައި އިޒްރޭލުން އޮފިސަރަށް ފިޔަވަޅު އެޅި އިރު، އެ މީހުންނަކީ ޕަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ކޮންމެ ދުވަހަކު ހިންގަމުންދާ ބައެކެވެ.