ފޮރިން މިނިސްޓްރީގެ އިމާރާތް: ޔޫކްރެއިން ހާލަތު ގޯސްވަމުން ދާތީ ދިވެހިން އެ ގައުމަށް ދަތުރުނުކުރަން އެ މިނިސްޓްރީން ވަނީ އަންގައިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ފެބުރުއަރީ 2022 - 12:47
ރަޝިއާ ސިފައިން ޔުކްރެއިނަށް އަރަން ނިންމުމުން މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެ އަންނަން ނިންމައިފި އެވެ.
ޔުކްރެއިންގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މިއަދު "މިހާރު" އަށް ބުނީ އެ ގައުމުގެ ހާލަތު ގޯސްވަމުންދާތީ، އެނބުރި ގައުމަށް ދާން ބޭނުންވާ ކުދިންނަށް ޔުނިވާސިޓީތަކުން އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާދީފައިވާ ކަމަށެވެ. ނަމަވެސް، އެ ކުދިން ރާއްޖެ އަށް އަންނަން ފުރޭނެއިރެއް އަދި ސާފެއްނުވެ އެވެ. އަދި އެ ކުދިން އަންނަނީ ވެސް އަމިއްލަ ހަރަދުގަ އެވެ.
"މެޑިސިންގެ ފަހު އަހަރުގެ އެގްޒާމްސް ހަދާ ކުދިން ފިޔަވައި އެހެން ހުރިހާ ކުދިން އެނބުރި ދާން ނިންމާފައި އޮތީ،" އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޚަރްކިވްގައި ހުރި ދަރިވަރު ބުންޏެވެ.
ޔުކްރެއިނަށް ގިނަ ދިވެހި ދަރިވަރުން ގޮސް ތިބީ ޑޮކްޓަރުކަން ކިޔަވަން ކަމަށް ވާއިރު، ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، އެ 50 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި އެބަ ތިބި ކަމަށެވެ.
ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެންގި އެވެ.
ޔުކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ބުނެ ރަޝިއާގެ ސިފައިން އަރަން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ އަމުރުކުރައްވައިފަ އެވެ.
ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ، އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާ އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލްްް
22 February 2022
މިފަހަރު ޖެހޭނެ ޕުޓިން ކޮށިއަރުވާލަން. ވ. ވެދުން
ފިލައިން
22 February 2022
ރަސިޔާއަކުން ނޫޅޭ ޔުކްރެން ހިފާކަށެއް. އެމެރިކާއިން ބޭނުންވެގެން އުޅޭ ކަމެއް އެއީ.