ފުލުހުންގެ ބޭނުންތަކަށް ދީފައި އޮންނަ ކ. ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވި ގޮތުގައި ބިޑަށް ނުލައި ވިއްކާލަން އިއުލާން ކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް ވިކިފައި ވަނީ ފޭދޫފިނޮޅު އެކަންޏެވެ. އެ ރަށުގެ އިކިއުޒިޝަން ކޯސްޓްގެ ގޮތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ދައުލަތަށް ދައްކައި، އެ ރަށުގެ ހުރިހާ މުއާމަލާތެއް ނިންމައި މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެއާ ބެހޭ މައުލޫމާތުތައް ވެސް އޮންނާނީ އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާ ވެސް ހިއްސާކުރެވިފައި،" ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ފޭދޫފިނޮޅު ވިއްކައިލި ޗައިނާ ކުންފުނީގެ ނަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނިން ބަލަހައްޓަމުން އައި ރަށް ވިއްކާލީ، ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް ލިބޭ ކުލީގެ އިތުރުން، އެ ކުންފުންޏަށް ވެސް ފައިސާ ލިބޭ ގޮތަށެވެ. އެ ގޮތުން، އެ ރަށް ކުއްޔަށް ނެގި 50 އަހަރުދުވަހުގެ ތެރޭގައި ޖުމްލަ 70-80 މިލިއަން ޑޮލަރު ފުލުހުންގެ ވެލްފެއާ ބޭނުންތަކަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ވަނީ ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އިތުރު ރަށްތަކަށް ވެސް މިހާރު އަންނަނީ ހުށަހެޅުންތައް ލިބެމުންނެވެ. ގަވާއިދުގައި ބުނެފައިވާ ގޮތަށް، ހާއްސަ ކޮމިޓީ އަކުން އެ ހުށަހެޅުންތައް މިހާރު ދިރާސާ ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ރައީސް އޮފީހުން ކަނޑައަޅާ ދަފުތަރެއްގައި ޝާއިއުކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީއެއް ދެއްކުމުން ރަށް ހަވާލުކުރެވޭ ގޮތަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

އެ އިސްލާހުގެ ދަށުން ވިއްކާލަން އެންމެ ފުރަތަމަ އިއުލާން ކުރި ރަށްތަކުގެ އިތުރުން، އދ. މާމިގިލީ ކައިރީގައި އޮންނަ ހުރުއެޅި 3.6 މިލިއަން ޑޮލަރު (55.4 މިލިއަން ރުފިޔާ) އަށް ވިއްކާލަން މިިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.