މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ--
16 މާޗް 2022 - 13:06
މާލޭގެ ލޭންޑް ޔޫސް ޕްލޭނުގައި ހުންނަންޖެހޭ މުހިއްމު ބައެއް މައުލޫމާތުތައް ނެތުމުން ސިޓީ ކައުންސިލުން ހުށަހެޅި ދެ ޕްލޭން އަނބުރާ ފޮނުވައިލިޔަސް އިސްލާހުތަކާއެކު އަލުން ޕްލޭން ނުފޮނުވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނީ، ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ސަރުކާރުން ހުއްޓުވުމުން ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ކޯޅުމެއް ފެށިފައި ވަނިކޮށެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ލޭންޑް ޔޫސް ޕްލޭނިން މިނިސްޓްރީ އަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ކައުންސިލުން ފޮނުވި ޕްލޭންގައި ބައެއް ކަންކަން މަދުވެގެން އިސްލާހުތައް ގެނައުމަށް މިނިސްޓްރީން ވަނީ ޑިސެމްބަރު 28 ގައި ކައުންސިލަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ ލޭންޑް ޔޫސް ޕްލޭނަކީ ރައްޔިތުންގެ މަޝްވަރާގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކާއި އަދި ތަރައްގީގެ މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކާއި މަޝްވަރާކުރުމަށް ފަހު އެކުލަވައިލަން ޖެހޭ އެއްޗަކަށް ވާތީ، އެ މަޝްވަރާކޮށް ބައްދަލުވުންތަކުގެ ޔައުމިއްޔާ ރިޕޯޓާއެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ރިޕޯޓް އެކުލަވައިލާއިރު، ބިމުގައި ކުރާ އެކިއެކި ބޭނުމަށް ބިން ކަނޑައަޅާފައިވާ ސައިޒް އެނގޭނެ ތާވަލެއް ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގުރެ އެވެ. އެއީ މާލެ ކަހަލަ ބައިބޯ ރަށެއްގައި ތައްޔާރުކުރާ ޕްލޭނާއި މިހާރު ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ ޕްލޭނާއި ދެ ޕްލޭން އަޅައި ކިޔުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީގެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ފާހަގަކުރި އަނެއް ކަމަކީ މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށް ވާތީ، ކައުންސިލުން ހުށަހެޅި މާލޭގެ ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ސަބަބުން މާލޭގެ ބައިބޯ ވަރަށް އަަންނާނެ ބަދަލަކީ މުހިއްމު ބަދަލަކަށް ވާތީ އޭގެ ތަފްސީލު ވެސް ހިމެނުމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 9 ވަނަ އިސްލާހުގައިވާ (ރ) ގެ ދަށުން ލިސްޓްކުރާ ބައިތައް ވެސް މި ޕްލޭނާ އެކު ހުށަހެޅުމަށެވެ.
އެ ކަންތައްތަކުގެ އިތުރުން ލޭންޑް ޔޫސް ޕްލޭންގެ ހުރިހާ ބައިތައް އެކުލެވޭ ގޮތަށް ޕްލޭނިން ރިޕޯޓެއް ތައްޔާރުކުރަން ޖެހެ އެވެ. އެ ރިޕޯޓުގައި ޕްލޭން ތައްޔާރުކުރުމުގައި ބޭނުންކުރެވިފައިވާ ހުރިހާ ބައިތަކާއި ބެހޭގޮތުން ތަފްސީލު ލިޔެފައި އޮންނަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
އެ މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު، ދެ ޕްލޭން އަލުން ހުށަހެޅުމަށް މިނިސްޓްރީން އެންގިތާ އެތައް ދުވަހެއްވީއިރު ވެސް އަލުން ހުށަހަޅާފައެއް ނުވެ އެވެ.
ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި، އެ ޕްލޭން ފާސްވުމުން ނޫން ގޮތަކަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލަކަށް ނުލިބެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނުހޯދައި އެ ގޮތަށް ބިން ކުއްޔަށް ދޫކުރަން ހުޅުވައިލި މައްސަލައިގައި އަކްރަމް ވަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ މީހުންނަށް އޮޅުވާލައި ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް އަކްރަމް ތުހުމަތު ކުރެއްވި އެވެ.
"އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު މޭޔަރަކަށް އައީމާ ދެން ފެންނާނީ މި ކަހަލަ މަންޒަރު. ހަމަ ސީދާ ދުއްޕާން ކުރުމަށް ކުރާ ކަންކަން އެއީ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް އޮތް 13 ސްލޮޓެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ބިމަށް ކުރިމަތިލާން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ، ވިލިމާލޭގެ މީހުންނަށް ހަ ސްލޮޓު އަދި މާލޭގެ މީހުންނަށް ހަތް ސްލޮޓެވެ.
އެކަމަކު ކައުންސިލުން އުޅެނީ "ތިލަމާލެ" ބްރިޖްގެ މަޝްރޫއަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ކުރިން ވެސް މިނިސްޓްރީން ތުހުމަތުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަންފޫ
16 March 2022
އައްޑޫ ސިޓީ ކައުންސިލުން ވެސް ހުށަހަޅާފައި އޮތީ ރައްޔިތުންނާއި މަޝްވަރާކުރުމެއް ނެތް ޕްލޭނެއް.
ދޮން
16 March 2022
މޮހޮނަށް އޮޑިދިންހެން އެމް ޑީ ޕީ އިން މިވަނީ ލާމަރުކަޒީކޮށް ކައުންސިލް ތަކަށް ބާރު ދީފައި ހއ ފެށިގެން އައްޑުވަށް އެއްވެސް ކައުންސިލަކަށް ރައްޔިތަކަށް ގޯއްޗެއް އަދި ވިޔަފާރި ބިމެއްނުދެވޭ މާލޭގައި ހުރި މިނިސްޓުރީއަކުން ހުއްދަދީ ލޭންޑްޔޫސް ކިޔާ ޕުލޭނެއް ހުށައަޅާފާސްކޮށްގެން ނޫނީ ހުށައަޅާ ޕްލޭން ފާސްކުރަން 3 އަހަރު ޖަވާބަކީ ކަމޭބެހޭ ބޭފުޅުން ނެތިގެން ކަމަށް ލަސްވަނީ . ބަހާ އަމަލަކާ ދިމައެއްނުވޭ ..ވަރަށް ސަލާމް