ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހެނީ ހުޅުމާލޭގެ މެއިން ވޯޓާ ނެޓްވޯކުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ. އެ މަސައްކަތް ކުރަން މިރޭ ފަސް ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވަނީ މިރޭ 11:00 އިން ފަތިހު 4:00 ދެމެދުގަ އެވެ.
ހިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ ދެވަނަ ފިޔަވައްސަށް ދާ ބްރިޖް ކައިރި ސަރަހައްދާއި ޝްވެކް ސިނަމާ ހުންނަ ސަރަހައްދު އަދި އުނިމާ ހިނގުމާއި ދިއްގާ ހިނގުން ގުޅޭ ސަރަހައްދުގެ ތެރޭގައި ހިމެނޭ ގެތަކުންނެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.