އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ތަރައްގީގައި އައްޑޫ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ހިތަދޫގައި ބޭއްވި މާހެފުމުގައި އެ މަނިކުފާނު ވަނީ ރާއްޖެ ތަރައްގީވާނީ އައްޑޫ ތަރައްގީވެގެން ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ އައްޑުއަށް އެކަނި 1.1 ބިލިއަން ރުފިޔާ ހަރަދުކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އާބާދީ ބޮޑު އެ ސިޓީއަށް އެކަން އެގޮތަށް ކޮށްދޭން ޖެހޭ ކަމަށާއި އޭގެ ފައިދާ ވެސް އައްޑޫ ރައްޔިތުންނަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައްޑުއަށް އަދިވެސް ކޮށްދޭން ޖެހޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ.
"އަބަދުވެސް ދައްކާ ވާހަކައެއް، އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުވާނެ. އެއީ ހަގީގަތެއް. އެ ހަގީގަތުގެ މައްޗަށް ބުރަވެ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ. ރާއްޖެ ތަރައްގީކުރުމުގައި މި ވޭތުވެދިޔަ ތަނުގައި މި ސިޓީގެ ވަރަށް ގިނަ ބައެއްގެ ހިއްސާ ލިބިފައިވޭ،" ހިތަދޫގައި ބޭއްވި މާހެފުމުގައި ރައީސް ވިދާޅުވި އެވެ.
".... އެހެންވެ، ރާއްޖެ ތަރައްގީކުރާއިރު މި ސިޓީ ވެސް ތަރައްގީވާންޖެހޭ،"
އެ މަނިކުފާނު ވިދާޅުވީ އައްޑޫ ތަރައްގީކުރަމުން އަންނަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި، އޭރު އެރުވި އައްޑޫ ސިޓީގެ ވައުދުނާމާ ފޮތާ އެއްގޮތަށް ކަަމަށެވެ. މަސައްކަތް ކުރަމުން އަންނަނީ ވައުދުނާމާ ތަންފީޒުކުރުމަށް ކަމަށާއި އޭގެ ތެރެއިން ބައެއް ކަންތައްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ ހައްލު ހިމެނެ އެވެ.
މީގެ ތިން އަހަރު ކުރިން ވެރިކަމަށް ވަޑައިގެންނެވިއިރު ބޯފެނާއި ނަރުދަނާ އަދި ތައުލީމް ފަދަ އަސާސީ ހިދުމަތްތައް ނުލިބި ރަށްތަކެއް ހުރުމުން، މަސައްކަތް ފެށިއިރު އިސްކަންދެއްވީ އެ ރަށްތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އޭރު ވެސް އައްޑޫގެ މަތީން ހަނދާން ނައްތާނުލައްވާ ކަމަށާއި އައްޑުއަށް ކުރަންޖެހޭ ކަންކަން ދިޔައީ ބައްލަވަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ގިނަ ކަންތައްތަކެއް ހާސިލްވިއަސް، ވަޒީފާގެ ދަތިކަމާއި އިގުތިސޯދީ ހާލަތު އަދި ބޭސްފަރުވާގެ ކަންކަމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ ކަންބޮޑުވުން އެބައޮތެވެ.
ރައީސް ވަނީ އެ ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިރޭ ދެއްވައިފަ އެވެ.
އައްޑޫގެ މަގު ހެދުމުގެ ބިޔަ މަޝްރޫއު މިއަދު ފެށިއިރު، އިތުރު މަގުތައް ހަދައިދިނުމަށް ކައުންސިލުން އެދިފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ އެކަމާ ދޭތެރޭގައި ވިސްނަވައި، ގެނެވޭނެ ހައްލަކަށް ބައްލަވާނެ ކަމަށެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށާއި ލަސްތަކެއް ނުވެ، ބިޑްކޮށް، މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން، އައްޑޫގެ ބިން ހިއްކަން ނެދަލެންޑްސް ބަޔަކާ ހަވާލުކޮށްފައިވެ އެވެ. ބިން ހިއްކުމަކީ އައްޑޫ ސިޓީގެ ވައުދުނާމާގައި އޮތް ކަމެއް ކަމަށާއި އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ތަރައްގީގެ މަޝްރޫއެއްގައި މި ފަދަ ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކެއް ހުރޭ. އެހެންވެ އީއައިއޭ މި ހަދަނީ. އެއަށްފަހު ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަން ހައްލުކޮށް އެއަށް އެންމެ ކުޑަވާނެ ގޮތަކަށް ބަލައިގެން އެ ފަދަ މަޝްރޫއުތައް އަޅުގަނޑުމެން މި ގެންދަނީ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް އަޅުގަނޑުމެން ގެންދާނީ އެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އީއައިއޭ ކޮންސަލްޓަންސީ ބައްދަލުވުންތަކެއް މި މަހުގެ 9ވަނަ ދުވަހު ބާއްވައި، ފަހުގެ ހުށަހެޅުން އީޕީއޭއަށް ހުށަހަޅާފައިވެ އެވެ. ލަސްތަކެއް ނުވެ އެޕްރޫވަލް ލިބިގެންދާނެ ކަމަށާއި މަސައްކަތް ފަށައިގެން ކުރިއަށްދާނީ އެ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށާއި އައްޑޫގެ ބިން ހިއްކުމަށް ވެފައިވާ ވައުދު އެގޮތަށް ނިމިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބިން ހިއްކާއިރު ޓޫރިޒަމް ތަރައްގީކުރަން ފަސް ރަށް ހިއްކާނެ އެވެ. އެއީ، ދެކުނަށް ޓޫރިޒަމް ގެނައުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ހިތްވަރެކެވެ.
ވަޒީފާގެ ކަންކަން ހައްލުކުރަން ހެރެތެރެ އަދި ޝަންގްރިއްލާ ރިސޯޓު ހުޅުވަންޖެހޭ ކަމަށް ވެސް އެ މަނިކުފަނު ވިދާޅުވި އެވެ. ޝަންގްރިއްލާއަކީ ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓް ހިއްސާއާއެކު ކޮށްފައިވާ އިންވެސްޓްމަންޓެކެވެ.
ރައީސް ވިދާޅުވި ގޮތުގައި ލަސްތަކެއް ނުވެ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވޭނެ އެވެ.
ހެރެތެރޭގެ އެއް ބައި ހުޅުވައި މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
އެ ކަންކަމުގެ އިތުރުން، އެއާޕޯޓުގައި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް އެޅުމަށް އެ ބިން ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް ދިނުމަށް މިއަދު ނިންމާފައިވެ އެވެ. އަންނަ އަހަރުގެ މެއި ޖޫން/މަހު އެ ހޮޓެލް ހުޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އޭރުން ކޮންވެންޝަންތައް ބޭއްވި، ޒުވާނުންނަށް އިތުރު ވަޒީފާތައް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާގެ ފުރުސަތުތައް. ވަޒީފާތައް ފަހިވާނީ ލާމަރުކަޒުކޮށްގެން. ލާމަރުކަޒީ ގާނޫނު ތަންފީޒުކުރަން އަދި ވެސް މަސައްކަތްކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އައްޑޫގައި ވެސް ޑްރަގްގެ މައްސަލަ އޮތުމުން އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރަނގަޅު ހައްލެއް ހޯއްދަވާފައި ނޫނީ ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށް ރިހެބިލިޓޭޝަން ފަރުވާ ލިބޭނެ ސެންޓަރެއް އެ ސިޓީގައި ހުޅުވާފައިވެެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ކައިރީގައި އެކަނި ސެންޓަރެއް ހަދައިގެން އެކަމަށް ހައްލެއް ނުލިބޭނެ އެވެ. އަދި އެ ތަނުން ފަރުވާ ދިނުމަށް ފަހު މުޖުތަމައުއަށް ނެރުމުގެ ކުރިން ބޭނުންވާ ކަންކަން ކޮށްދިނުމަށް ހުޅުދޫ ސްކޫލު، އެ ފަދަ ތަނަކަށް ބަދަލުކުރަން ނިންމާފައިވެ އެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި 41 މެގަވޮޓްގެ ސެންޓްރަލް އިންޖީނުގެއެއް އަޅައި، ނެޓްވޯކް ބަދަލުކުރަން ވެސް ނިންމާފައިވެ އެވެ.
ސިއްހީ ފަރުވާ ދިނުމުގައި އިކުއިޓޯރިއަލް ހޮސްޕިޓަލްގަައި ދަތިތައް ހުރުމުން ރައްޔިތުން ބޭނުންވާ އެކަށީގެންވާ ވަރަށް ހިދުމަތެއް ނުދެވޭ ކަމަށް ރައީސް ވިދާޅުވި އެވެ. ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރުމުން އިތުރު ޑޮކްޓަރުންނާއި ނަރުހުން އަދި އެމްބިއުލާންސް ބޭނުންވާ ކަމަށް އެދިފައިވާތީ، އެ އެދުމާ އެއްގޮތަށް އެކަން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފޭދޫގެ ސްކޫލް ބޮޑުކުރެވެން ނެތުމުން ފޭދޫގައި އާ ސްކޫލެއް އަޅައިދޭން ނިންމައި، އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހުށަހަޅާނެ ކަން ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.