އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ސ. ހިތަދޫގައި ހަވާ އަރުވަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑު އަށް މިހާރު ލިބޭ ތަރައްގީ ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުން އެ ކައުންސިލުން މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ. ހަވާ އެރުވުން އޮންނަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
އައްޑޫގައި މިރޭ ހަވާ އަރުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އައްޑޫގެ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފަ އެވެ.
އެ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފަ އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް، ރައީސްގެ މި ދަތުރުފުޅުގައި ރަސްމީކޮށް މިއަދު ފައްޓަވައިދެއްވާނެ އެވެ.
އައްޑޫގެ ތަރައްގީއަށް ހިންގާ އެހެން މަޝްރޫއުތައް ބައްލަވާލައްވައި، ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.
އައްޑޫގެ ބިން ހިއްކުމަކީ އެ ސިޓީގައި ބިމާ ގުޅޭ ގޮތުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއު ފެށީ މަރަދޫންނެވެ.