ގުދަންކުރުމާ ގުޅޭ އާ އުސޫލު އަންނަ މަހު އާންމުކުރަނީ

މުދާ ރައްކާކުރުން ނުވަތަ ގުދަން ކުރުމާ ގުޅޭ ގޮތުން އެކުލަވާލި އުސޫލު އަންނަ މަހު އާއްމުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ގުދަންތަކާއި ވޯކްޝޮޕް އަދި ކެފޭތައް ބަލާ ފާސްކުރަން ސިފައިން ހިންގަމުން އަންނަ "ހިރާސް ފާސް"ގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރި ހުރިހާ ގުދަންތަކެއް ބަލާ ފާސްކޮށް މި މަހު ނިންމާލެވޭނެ ކަމަށެެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ އުސޫލު ހަދަނީ މިހާރު ކުރިއަށް ދާ ފާސްކުރުމުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

މިނިސްޓަރު ވިދާޅުވީ އެ އުސޫލު އާއްމުކުރުމަށް ފަހު އެ މިންގަނޑަށް ފެތޭ ގޮތަށް ގުދަންތަ ބަދަލުކުރަން ތިން މަސް ދުވަސް ދޭނެ ކަމަށެވެ. އެ ތިން މަހަށް ފަހު އެތަންތަން ހުރި ނެތް ގޮތް އަނެއްކާވެސް ބަލާނެ ކަމަށް އާދަމް ވިދާޅުވި އެވެ.

"ކައްކާ ތަނެއްގައި ހުންނަން ޖެހޭނީ ކޮން ކަހަލަ އެއްޗެހިތަކެއްކަން އަޅުގަނޑުމެން ކަނޑައަޅާފައި އާއްމުކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މިހާރު މި ކުރަމުން އަންނަ ފާސްކުރުމުގެ މަސައްކަތްތައް މި މަހުގެ ތެރޭގައި ނިންމާލާފައި އަންނަ މަހުގެ ތެރޭގައި އެ އުސޫލު އާއްމުކުރުން،" ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މި ފަހުން މާލޭގައި ހިނގި އަލިފާނުގެ ބޮޑެތި ދެ ހާދިސާއެއްގައި އާންމުންނަށާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. ތަންތަން ބަލާ ފާސްކުރަން ފެށީ އޭގެ ފަހުންނެވެ.

ސިފައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (ވ) އަދި ފަޔާ ރެސްކިއު ސާވިސްގެ ކޮމާންޑާ ކާނަލް އަބްދުﷲ ޒުހުރީ -- ފޮޓޯ: އެމްއެންޑީއެފް

އާދަމް ވިދާޅުވީ މިހާތަނަށް ފާސްކުރި 744 ތަނުގެ ތެރެއިން 75 ޕަސެންޓް ތަންތަން ހުރީ އިންޝުއަ ނުކޮށް ކަމަށާއި އެއީ މި ޒަމާނުގައި އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ.

"ތަރައްގީވަމުން އަންނަ ދުނިޔޭގައި، އަމިއްލައަށް ހަރަދުކޮށްގެން ހަދާ ގެ އާއި ބޮޑެތި އުސް އިމާރާތްތަކާއި ވިޔަފާރީގައި ބޭނުންކުރާ މުދާ ރައްކާކުރާ ތަންތަން އަލިފާނުން ރައްކާތެރިކުރަން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ފަހު ވެސް އިންޝުއާކުރޭ. މިއީ ރާއްޖޭގައި އެހާ ސަމާލުކަމެއް ދެވިފައި އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކައްކާ ތަނެއްގައި ހުންނަން ޖެހޭނީ ކޮން ކަހަލަ އެއްޗެހިތަކެއްކަން އަޅުގަނޑުމެން ކަނޑައަޅާފައި އާއްމުކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ، މިހާރު މި ކުރަމުން އަންނަ ފާސްކުރުމުގެ މަސައްކަތްތައް މި މަހުގެ ތެރޭގައި ނިންމާލާފައި އަންނަ މަހުގެ ތެރޭގައި އެ އުސޫލު އާއްމުކުރުން،" ޑިފެންސް މިނިސްޓަރު

އަންނަ ހަފުތާގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެލައިޑު އިންޝުއަރެންސާ އެކު އެއްބަސްވުމެއް ގާއިމްކުރަން ވަނީ ނިންމާފަ އެވެ. މިކަމުގައި ސަރުކާރުގެ ދައުރަކީ، މިނސްޓަރު ވިދާޅުވި ގޮތުގައި، އެލައިޑް އިންޝުއަރެންސް އެންޑޯޒްކުރުމެވެ.

"ވިޔަފާރިވެރިން ނުވަތަ އެ މުދާ އިންޝުއަކުރަން ބޭނުންވާ ފަރާތްތަކާ އެ ކުންފުންޏާ ގުޅިގެން ދެން ހުންނަ މުއާމަލާތްތައް ކުރިއަށްގެންދާނީ. މީގެ ބޭނުމަކީ އަޅުގަނޑުމެން ހިތްވަރު ދިނުމާ އެކު މިކަންކަމަށް މަގުފަހިކޮށްދިނުމުގައި ދައުލަތުން މަސައްކަތްކޮށްދިނުން،" އާދަމް ވިދާޅުވި އެވެ.

ކޯސްޓްލައިން ހާޑްވެއާގައިި އަލިފާން ރޯވެ އަނދަނީ: މިއީ މި އަހަރު ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ

ފަޔާ ރެސްކިއު ސާވިސްގެ (އެފްއާރުއެސް)ގެ ކޮމާންޑާ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ އިއްޔެއާ ހަމައަށް މާލޭގެ 744 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ތިލަފުށި ވެސް ބަލާ ފާސްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބާރު ސްޕީޑުގައި މިދަނީ ހުރިހާ ތަނެއް ކަވަކުރަމުން. ދާ ދިއުމުގައި ނުވަދެވި ހުރި ތަންތަން ވެސް އަޅުގަނޑުމެން އަލުން އެބޭފުޅުންނާ ގުޅައިގެން އެތަންތަން ހުޅުވައިގެން އެތަންތަން އެބަ ޗެކުކުރަން،" ޒުހުރީ ވިދާޅުވި އެވެ.

ފިހާރައެއްގައި ރޯވި އަލިފާންގަނޑު ނިންވާލަން އެމްއެންޑީއެފުން މަސައްކަތް ކުރަނީ. --ފޮޓޯ: އެމްއެންޑީއެފް