ތެލުގެ ވިޔަފާރި ކުރާ ތަންތަން އުސޫލުތަކާ އެއްގޮތެއް ނޫން، ނުރައްކާ ބޮޑުވެދާނެ: މިނިސްޓަރު

ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ތެލުގެ ވިޔަފާރި ކުރާ ތަންތަނަކީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ނޫން ކަމަށާއި އެ ތަންތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމުތައް ގާއިމު ކުރުމާ ބެހޭ ގަވާއިދުގެ ޑްރާފްޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހިނގާ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދު ކުރުމަށް ސަރުކާރުން މަޝްވަރާކޮށް، ނިންމަން ޖެހޭ ކަންކަން ނިންމަމުން އަންނަ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރަށްރަށުގައި ތެލުގެ ވިޔަފާރި ކުރާ ތަންތަނުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން އެބަހުއްޓެވެ. އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އޭގެ ނުރައްކާ މުޅި ސަރަހައްދަށް ނުވަތަ ރަށުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ ހާދިސާއެއް ހިނގައިިފިނަމަ، އޭގެ މުދަލުގެ ވެރިފަރާތަށް ގެއްލުން ލިބުމުގެ އިތުރުން ރަށުގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ނުވަތަ ނުރައްކާތެރިކަން އިންތިހާ އަށް ބޮޑުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ވިޔަފާރި ކުރާ ފަރާތްތަކާއި ރަށްތަކުގައި ދިރިއުޅޭ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް،"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތެލުގެ ވިޔަފާރި ކުރަނީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. އަދި އެފަދަ ތަންތަނަކީ ރައްކާތެރި ގޮތުގައި މަސައްކަތް ކުރެވޭނެ ތަންތަނަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަށީގެންވާ މުއްދަތެއްގައި އެ މާހައުލު ނުވަތަ ހާލަތު ބަދަލު ކުރަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުތަކާއި މުދާ އުފުލާ އުޅަނދުތަކަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ ކޮންމެ ހާލަތެއްގައި އެ ކަމަށް އެކަށީގެންވާ އިޖާބައެއް ދެވޭވަރުގެ ގާބިލްކަން ހުރި އުޅަނދުތަކެއްތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހާލަތަށް ނުފެތޭ އުޅަނދުތަކުގައި މަސައްކަތް ކުރާ މީހުންނަށް ލަފައާ އިރުޝާދު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. އަދި އެ މަސައްކަތުގައި ސިފައިން ވަރަށް ރީތި ނަމޫނާއެއް ދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ފަހަކަށް އައިސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ކޯސްޓްލައިން ފިހާރައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހާރައާ ޖެހިގެން ހުރި ނުވަ ގެއެއްގައި ރޯވެ، ތިން ގެއެއް އަލުން ހަދަން ޖެހޭ ވަރަށް އެނދި އެވެ. އޭގެ ފަހުން މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް މިއިން އެއްވެސް ހާދިސާއެއްގައި މީހެއްގެ ފުރާނަ އަށް ގެއްލުމެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް މަގުތަކުގައި ހައިޑްރަންޓްތަކެއް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ހައިޑްރޭންޓަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މަގުތަކުގައި އަލިފާން ނިއްވަން ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ. މި ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ހުރިހާ ސަރަހައްދެއްގަ އެވެ.