އިސްލާމްއާބާދު (އެޕްރީލް 3) - ޕާކިސްތާނުގެ ޕާލަމެންޓް އުވާލުމަށް ރައީސް އަށް ލަފާ ދެއްވާފައިވާ ކަމަށް ބޮޑުވަޒީރު އިމްރާން ޚާން މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުގެ ލަފާ ރައީސް އަށް ލިބުމާ އެކު ޕާލަމެންޓް އުވާލާނެ. އޭގެ ފަހުން ވަގުތީ ސަރުކާރެއް ގާއިމްކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ،" އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓުގައި މިއަދު ނަގަން އޮތް ވޯޓު ޕާލަމެންޓުގެ ނައިބް ރައީސް ކެންސަލް ކުރި ފަހުން، ގައުމާ މުޚާތަބް ކުރައްވާ އިމްރާން ޚާން ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.

ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބެއް ބޭއްވުމަށް އިމްރާން ޚާން ބޭނުންވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތަށް ފަހު ޕާލަމެންޓުގައި ބޮޑު ހައިޖާނުގަނޑެއް ހިންގާފައި ވަނިކޮށެވެ.

އިތުބާރު ނެތްކަމުގެ ވޯޓުން އިމްރާން ޚާންގެ މަގާމު ގެއްލޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާ އިރު އެ ވޯޓު ނަގަން ޕާލަމެންޓުގެ ނައިބް ރައީސް ގާސިމް ސޫރީ ބޭނުމެއް ނުވި އެވެ. އޭނާ ވިދާޅުވީ އެއީ "ބޭރު ބައެއްގެ ނުފޫޒުން" ނަގަން އުޅޭ ވޯޓެއް ކަމަށާއި އެހެންވެ އެ ކަމަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.

"މިއީ ގާނޫނު އަސާސީއާ ދެކޮޅަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓެއް. އެހެންވެ ގާނޫނު އަސާސީއާ އެއްގޮތަށް މި ވޯޓު ނެގުން ކުރިއަކަށް ނުގެންދެވޭނެ،" އިމްރާން އަށް ވަފާތެރި ސޫރީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ޕާލަމެންޓުގެ 342 މެންބަރުންގެ އަޣުލަބިއްޔަތު ވަނީ އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީ (ޕީޓީއައި) އަށް ގެއްލިފަ އެވެ. އަޣުލަބިއްޔަތު ގެއްލުނީ އިމްރާން ޚާންއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ޕާލަމެންޓުގައި ހަތް މެންބަރުން ހިމެނޭ ކޯލިޝަން ޕާޓްނަރަކު ބުނުމުންނެވެ. ޕީޓީއައިގެ ވަރަށް ގިނަ މެންބަރުން ވެސް ވަނީ ފްލޯ ހުރަސް ކުރާނެ ކަމަށް ބުނެފަ އެވެ.

އިމްރާން ޚާން ވިދާޅުވީ އެ ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް، ގަބޫލްކުރަން ދަތި މިންވަރަށް ނުފޫޒް ފޯރުވާފައިވާ ކަމަށާއި އެހެންވެ އާ އިންތިޚާބެއް ބޭއްވުމަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

"ގޮތް ނިންމަން އަނެއްކާވެސް ރައްޔިތުންނަށް މި ފުރުސަތު ދެނީ،" އިމްރާން ޚާން ވިދާޅުވި އެވެ.

ޕާކިސްތާނަށް 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ވިދާޅުވީ ރަޝިޔާ އާއި ޗައިނާއާ ގުޅޭ ގޮތުން ހުޅަނގުން ބޭނުންވާ ގޮތަށް އޭނާ ކަންތައް ނުކުރާތީ "ބޭރުގެ ނުފޫޒުން" އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމުންދާ ކަމަށް މިދިޔަ ހަފުތާގައި އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. މިއީ 2018 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނީ އިގްތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެ އެވެ.