އަސްކަރީ މަތިންދާބޯޓުތައް ނުގެނެވި ލަސްވަނީ ބަހައްޓާނެ ތަން ނުހެދޭތީ: އާދަމް

ރާއްޖޭގައި ވައިގެ އަސްކަރީ ހިދުމަތް ފެށުމަށް ބޭނުންވާ އަސްކަރީ މަތިންދާބޯޓުތައް ނުގެނެވި ލަސްވަނީ ބަހައްޓާނެ ތަން ނުހެދޭތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ވައިގެ އަސްކަރީ ހިދުމަތް ވަރުގަދަ ކުރަން އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ރާއްޖެ އަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. މިއީ އެމްއެންޑީއެފްގެ ހިދުމަތް ފުޅާކުރަން އަސްކަރީ މަތިންދާބޯޓުތަކެއް ރާއްޖެ ގެންނަ ފުރަތަމަ ފަހަރެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ދެ ގައުމުން ހަދިޔާ ކުރާ މަތިންދާބޯޓުތައް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ބައެއް ކަންކަން ވަނީ ނިމިފަ އެވެ.

"އެކަމަކު މަތިންދާބޯޓުތައް ބަހައްޓާނެ ހެނގަރެއް ނުލިބިގެން މި އުޅެނީ، ހެނގަރު ގާއިމު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިމިނެއްގައި މި ދަނީ ކުރަމުން،" އާދަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ އިން ހިލޭ ހަދިޔާ ކުރަން ނިންމި މަތިންދާބޯޓު ރާއްޖެ ގެނައުމަށް އެ ގައުމުން ވެސް ދަނީ އެދެމުންނެވެ. އިންޑިއާ އިން ދޭން ނިންމީ ތިން ފައިޓާ ޖެޓާއި މަތިންދާބޯޓެކެވެ. އެކަމަކު ފައިޓާ ޖެޓްތައް ރާއްޖެ ގެނައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުން ދޭން ނިންމާފައި ވަނީ ވައިގެ އަސްކަރިއްޔާގައި ބޭނުންކުރާ ދެ މަތިންދާބޯޓެވެ. ނަމަވެސް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ޕާކިސްތާނުން ދޭން ނިންމާފައިވާ ދެ މަތިންދާބޯޓާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޕާކިސްތާނު ސަރުކާރާ ދެމެދު އަދި ސޮއެއް ނުކުރެ އެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ ވައިގެ ސިފައިން ތަމްރީނު ކުރުމުގައި އެހީތެރިވުމަށް ނިންމައިފަ އެވެ.

ވައިގެ އަސްކަރީ ހިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލ. ކައްދޫގައި ގާއިމްކުރި ސިފައިންގެ އަސްކަރީ ވައިގެ މަރުކަޒު ހުޅުވައި، އަސްކަރިއްޔާގައި ބޭނުންކުރާ ހުރިހާ ވައިގެ އުޅަނދެއް އެ ތަނުގައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ވައިގެ އަސްކަރީ ހިދުމަތަށް ހާއްސަކޮށްގެން ގެންނަ އުޅަނދުތައް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކަމަށެވެ. އަދި މި އުޅަނދުތަކުގެ ސަބަބުން ރާއްޖޭގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ އިން މީގެ ކުރިން ވަނީ އެމްއެންޑީއެފަށް ދެ ހެލިކޮޕްޓަރު ހަދިޔާކޮށްފަ އެވެ.