ހަސަން ނަޒީމް ގާސިމް (ޗޯޓް) ހެދި ހެޓްރިކުން، ދަ ގްރާންޑޭގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މޮޅަކާއެކު ގްރީން ސްޓްރީޓްސް އިން ލީގުގެ ދެވަނަ ބުރު ފަށައިފި އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވެސް ގްރީން ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ގްރާންޑޭއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެއީ ލީގުގައި މިހާތަނަށް ގްރާންޑޭ އަށް ލިބުނު ހަމަ އެކަނި ޕޮއިންޓް ހޯދި މެޗެވެ.
މިރޭގެ މެޗުން މޮޅުވެ، ގްރީން ވަނީ ހަވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެއް ޕޮއިންޓަށް ކައިރިކޮށްފަ އެވެ. ހަތްވަނައިގައި އޮތް ގްރީން އަށް މިހާރު ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ސަސް އަށް ހޯދިފައި ވަނީ އަށް ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ ގްރާންޑޭ އަށެވެ. ގްރީންގެ އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ގްރާންޑޭގެ އިސްމާއީލް މަފާޒް އިބްރާހިމް އަށް ފައުލު ކުރުމުން ޕެނަލްޓީ އެއް ގްރާންޑޭ އަށް ލިބުނެވެ. އެޓީމުގެ މާކޯ އިވަނޮވިޗް ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތުމުން ގްރީންގެ ކީޕަރު ސާގިބް ހަނީފް ސަލާމަތް ކުރި އެވެ.
މެޗުގައި ގްރީންގެ ފުރަތަމަ ލަނޑު ޖެހީ ހޯޒޭ އަވީލާ ހެނާންޑޭޒް އެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ގްރީން އުފައްދަން އުޅުނު ހަމަލާ ގްރާންޑޭގެ އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވުމުން ލިބުނު ބޯޅައިގަ އެވެ. އަވީލާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކުޅުންތެރިންގެ ތެރެއިންނެވެ.
ގްރީންގެ ދެވަނަ ލަނޑު ޗޯޓް ޖެހީ، ގްރާންޑޭގެ ހާފުގެ ތެރެއިން ގްރީންގެ މިޑްފީލްޑަރު ދިން ތުރޫ ޕާސް ހިފައިގެން އޭރިއާގެ ކަނާ ދިމާލުން އަރަ އެވެ. އޭރިއާގެ ތެރެއަށް ވަން ގޮތަށް ޗޯޓް ވަނީ ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވައިލައިފަ އެވެ. އަނެއް ދެ ލަނޑު ޗޯޓް ޖެހީ މެޗުގެ ފަހު 10 މިނެޓްގެ ތެރޭގަ އެވެ.
މެޗުގެ 84 ވަނަ މިނެޓްގައި ގްރާންޑޭ އަށް ލިބުނު ކޯނަރެއްގައި އެޓީމުގެ މުޅި ޓީމު ކަހަލަ ގޮތަކަށް ތިބީ ގްރީންގޭ ހާފުގެ ތެރޭގަ އެވެ. ގްރާންޑޭއިން ނެގި ކޯނަރު އެދެވޭ ގޮތަކަށް ނުނެގުނެވެ. ބޯޅަ އަމިއްލަ ހާފުގެ ތެރެއިން ދިފާއު ކުރުމަށް ފަހު އޭންޖަލް މުނޯޒް ދިނީ ގްރާންޑޭގެ ހާފުގެ ތެރޭގައި ހުރި ޗޯޓް އަށެވެ. ޗޯޓް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ތިރިތިރިން ބޯޅަ ފޮނުވާލީ ގްރާންޑޭގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ.
މެޗުގެ 90 ވަނަ މިނެޓްގައި ޗޯޓް ހެޓްރިކް ފުރިހަމަ ކުރީ ވެސް މުނޯޒް ނަގައިދިން ހުރަހަކުންނެވެ. މުނޯޒް ނަގައިދިން ހުރަހަށް އޭރިއާ ތެރެއަށް ވަން ގޮތަށް ޗޯޓް ވަނީ އެބޯޅަ ގޯލަށް ވައްދައިލައިފަ އެެވެ.