އިންޑިއާއާ ދެކޮޅު ކެމްޕޭން ހަރަކާތްތައް ޕީޕީއެމަށް ނުހިންގޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައި ވަނިކޮށް، އެ ޕާޓީގެ އޮފީހުގައި އަނެއްކާވެސް "އިންޑިއާ އައުޓް" ބެނާއެއް ދަމައިފި އެވެ.
މި ފަހަރު އިންޑިއާގެ ދިދަ ސިފަވާ ބެނާއެއްގައި ހަމައެކަނި "އައުޓް" ލިޔެގެންނެވެ. އެކި ގޮތްގޮތަށް ބެނާތަކުގައި ލިޔަން ފެށީ "އިންޑިއާ އައުޓް" ޖަހައިގެން ދަމާ ބެނާތައް ކޯޓު އަމުރު ހޯދައި ފުލުހުން ނަގާތީ އެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭލުމަށް ގޮވާލައި ކެމްޕޭން އިސްކޮށް ހިންގަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި ދެމި ބެނާއެއް ވެސް ފުލުހުން ވަނީ ނަގައިފަ އެވެ. އޭގެ ފަހުން މާލޭގެ އެކި ގެތަކުގައި ޕީޕީއެމްގެ ސަޕޯޓަރުން ދެމި ބެނާތައް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަށް ހިތްވަރު ދޭން ޕީޕީއެމްގެ އޮފީހުގައި ބެނާއެއް މި ދެމީ އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ސަރުކާރަށް ދިން އިންޒާރުތަކަށް ފަހު އެވެ. އެއީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ހިންގާ ގާނޫނީ ހަރަކާތެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅައިފަ އެވެ. އެ ނިންމުމާ ހަވާލާ ދެއްވައި، ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އެ ހަރަކާތް ހުއްޓުވަން އަންގަވައި ގަރާރެއް ނެރުއްވި އެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.
އެކަމަކު އެ ގަރާރުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އެއަށް ބޯނުލަނބާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މި ގަރާރު ބާތިލްކުރަން އެ ޕާޓީން ވަނީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.