ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، ރާއްޖޭގައި ސިޔާސީ ޒުވާބު އެންމެ ގަދަޔަށް ހިނގާ ޓްވިޓާ ބޭނުންކުރައްވަން މިރޭ ފައްޓަވައިފި އެވެ.
މީގެ ކުރިން ވެސް ޔާމީންގެ ނަންފުަޅުގައި ޓްވީޓާގައި އެކި އެކައުންޓްތައް ހަދާފައިވެ އެވެ. އެއިން އެއްވެސް އެކައުންޓަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓެއް ކަމެއް ޔަގީނެއް ނުވެ އެވެ.
އެކަމަކު ޔާމީންގެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިރޭ ވަނީ އެމަނިކުފާނު ޓްވީޓާ ރަސްމީކޮށް ބޭނުންކުރައްވަން ފެއްޓެވިކަން އިއުލާންކޮށްފަ އެވެ.
ޔާމީންގެ އެކައުންޓުން ފުރަތަމަ ފަހަރަށް މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ޓްވީޓެއް ކުރައްވާފައި ވަނީ ދިވެހި ދިހައެއްގެ ފޮޓޯއާ އެކު "ދިވެއްސަކަށް ވީތީ ފަހުރުވެރިވާ" ކަމަށް ވިދާޅުވެ އެވެ.
ޔާމީން ޓްވީޓާ ބޭނުންކުރައްވަން ފެއްޓެވުމުން އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އިދިކޮޅުން ސަޕޯޓަރުން ގެންދަވަނީ މަރުހަބާ ދަންނަވަމުންނެވެ.
އިދިކޮޅު ތަރުޖަމާނު، ހީނާ ވަލީދު، "މިހާރު" އަށް ވިދާޅުވީ ޔާމީން ކުރިން ޓްވީޓާ ބޭނުން ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ޓްވީޓުގައި "ރާއްޖެ" ހިމަނާފައިވުމަކީ ގައުމާ ދެތޭރެ ވަރަށް ބޮޑަށް ވިސްނަވާކަމުގެ ހެއްކެއް ކަމަށް ހީނާ ވިދާޅުވި އެވެ.
ރާއްޖޭގައި ސިޔާސީ މައްސަލަތައް އެންމެ ބޮޑަށް ހޫނުވަނީ ޓްވީޓާގަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ޓްވީޓާގައި ބަދަލުކުރެ އެވެ. ޔާމީން، ފިޔަވައި މިވަގުތު ރާއްޖޭގައި މަސައްކަތް ކުރައްވަމުން އަންނަ ހުރިހާ ސިޔާސީ ލީޑަރުން ވެސް ޓްވީޓާ ބޭނުންކުރައްވަ އެވެ. ޔާމީނަކީ އެންމެ ފަހުން ޓްވީޓާ ބޭނުންކުރައްވަން ފެއްޓެވި ސިޔާސީ ލީޑަރެވެ.