މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު މިއަދު ސޮއިކޮށްފި އެވެ.
އުމަރު ޝޮޕިން އާކޭޑްގެ އާ އިމާރާތުގައި ހުންނަ ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މަނިކެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަރީސް ހާރޫން އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މަނިކު ވިދާޅުވީ މި އެއްބަސްވުމުން ޕެންޝަން ސްކީމްގެ މެމްބަރުންގެ ބޭނުންތައް ފުރިހަމަވެގެން ދިޔަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ރާއްޖޭގެ މިނޫން ބޭންކުތައް ވެސް އެބަހުރި. ކުރިޔަށް އޮތް ތަނުގައި އެ ބޭންކުތަކާ އެކު ވެސް ކުރިޔަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ޕެންޝަން ސްކީމްގައި ހުރި ފައިސާ ބޭނުންކޮށްގެން ގަތުމުގެ ފުރުސަތު ދިނުމަކީ އެންމެ ބޮޑު ބޭނުން ކަމަށެވެ.
"ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ މުހިންމުކަން ވެސް މިހާރު ބޮޑުވެއްޖެ. މިވަގުތު ޕެންޝަން ފަންޑުގައި އެކަށީގެންވާ މިންވަރަށް ފައިސާ ހުރި ނަމަ އެ ފައިސާ ބޭނުންކުރެވޭނެ ކޮންމެ މެމްބަރަކަށް ވެސް ގެދޮރު ނުވަތަ ފްލެޓްތައް ގަތުމަށް،" އޭނާ ވިދާޅުވި އެވެ.
ހަރީސް ވިދާޅުވީ ޕެންޝަން ސްކީމް މެދުވެރިކޮށް ގެދޮރު ގަތުމަށް ގިނަ ބައެއްގެ ޝަރުތު ފުރިހަމަވުމަކީ އެންމެ ބޮޑު އުއްމީދު ކަމަށެވެ. އަދި އެމްއައިބީން މަސައްކަތްކުރަނީ ވީހާ ވެސް ލުއި ފަސޭހަކޮށް ގެދޮރު ގަންނަން ފައިނޭންސް ކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ބޭނުން ވަނީ އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ގެދޮރު ގަނެވޭނެ މަގު ފަހިކޮށްދިނުމަށް. އެހެންވެ އަޅުގަނޑުމެން މިދަނީ ވިހާ ވެސް ފަސޭހަ އަދި އެކަށީގެންވާ ރޭޓެއްގައި ފައިނޭންސްކޮށް ދިނުމަށް މަސައްކަތްކުރަމުން،" ހަރީސް ވިދާޅުވި އެވެ.
ޕެންޝަން ސްކީމްގައި މިހާރު 120،000 މީހުން ބައިވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޕެންޝަން ސްކީމްގައި ހުންނަ އެމީހެއްގެ ފައިސާގެ 80 ޕަސެންޓް، ގެދޮރު ގަންނަން ބޭނުންކުރެވެ އެވެ.