މުޅި ރާއްޖޭގައި ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރީ، ހަތަރެއް ޖެހިފަހުން ކަމުގެ ޝަކުވާތަކާ އެކު މައްސަލަ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އިންތިހާބާ ގުޅޭ ޝަކުވާ ކޮމިޓީއަށް ހުށަހެޅީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުންނެވެ.
އެ ޓީމުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވޯޓުލާ ގަޑި އިތުރުކުރީ، ވަގުތުު ހަމަވި ފަހުންނެވެ. ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް އޮތީ ހެނދުނު ނުވައަކުން ހަވީރު ހަތަރަކަށެވެ.
ވޯޓުލުމުގެ ވަގުތު ހައެއް ޖެހުމާ ހަމައަށް އިތުރުކުރި ކަން އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއުލާންކޮށްފައި ވަނީ 4:01 މިނެޓުގަ އެވެ. އެކަމަކު، މި ނިންމުން އިންތިހާބާ ބެހޭ ކޮމިޓީން ނިންމުމުން ހަތަރެއް ޖެހުމުގެ ކުރިން "މިހާރު"ން ވަނީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފަ އެވެ.
އިންތިހާބުގެ ވަގުތު އިތުރުކުރިކަން ހަތަރެއްގެ ކުރިން ރަސްމީކޮށް އިންތިހާބާ ބެހޭ ކޮމިޓީން އިއުލާންކުރަން ޖެހޭ ކަމަށް އިންތިގެ ޓީމުން ދެކެ އެވެ.
އިންތިހާބާ ބެހޭ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ މޫސުމް ގޯސްވުމާއި ބައެއް ފޮށިތަކުގެ ވޯޓުލުން ލަހުން ފެށިފައިވާތީ ވަގުތު އިތުރުކުރަން އުޅޭކަން އިންތިހާބާ ބެހޭ އޮފިޝަލުންގެ ޓީމަށް ދިޔައީ އަންގަމުންނެވެ. ވަގުތު އިތުރުކުރިކަން ވެސް އޮފިޝަލުންނަށް ހަތަރެއް ޖެހުމުގެ މާ ކުރިން އަންގައި ވޯޓުލުން ކުރިއަށް ގެންދިއުމުގެ އިރުޝާދު ދެމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަންގެ މި އިންތިހާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އޭގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އިންތިހާބުކުރުމުގެ ވޯޓު ވެސް ކުރިއަށް އެބަދެ އެވެ.