ދިވެހި އާޓިސްޓުންގެ ހުނަރާއި ފެންވަރު އެންމެ ވަރުގަދައަށް ގިނަ ފަހަރު ފެންނަނީ އާޓް އެގްޒިބިޝަނެއްގެ ތެރެއިންނެވެ. މިފަހަރު ވެސް ތަފާތެއް ނޫނެވެ. ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯގެ އާޓް ސްޓައިލަށް ބަލައިގެން އާޓް ހުށަހެޅުމަށް ކުރިއަށްދާ އާޓް އެގްޒިބިޝަނުން މިފަހަރު ވަނީ ދިވެހި އާޓިސްޓުންގެ ފުރިހަމަ ހުނަރު ދައްކާލައިފަ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ އާޓް އެގްޒިބިޝަންގައި ގިނަ އަދަދެއްގެ ޒުވާން އާޓިސްޓުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި އެކި ސައިޒްތަކުގެ އާޓްތަކާއި އާޓް މީޑިއަމްތައް ވަނީ ބޭނުންކޮށްފަ އެވެ.
އެކަމު މުޅި އެގްޒިބިޝަންގެ ތީމަކީ އެއް ތީމެކެވެ. އެއީ ޑަޗްގެ އިމްޕްރެޝަނިސްޓް އާޓިސްޓު ވެން ގޯގެ އާޓް ސްޓައިލް އިން "އިންސްޕަޔާ" ވެގެން އުފައްދާ އާޓެވެ.
އެއާއެކު ގިނަ އާޓިސްޓުން ވަނީ ވެން ގޯ ގެ އެންމެ މަޝްހޫރު އާޓްވޯކް "ސްޓާރީ ނައިޓް" އިން އިންސްޕަޔާ ވެގެން ތަފާތު އެކި ކަހަލަ އާޓްތައް އުފައްދާފަ އެވެ.
އާޓްސް އެންޑް ކްރާފްޓަށް މަޝްހޫރު އައުޓްލެޓް "މިއުސް އެމްވީ" އިން އިންތިޒާމުކޮށްގެން ބާއްވާ އެގްޒިބިޝަން ބާއްވާފައިވަނީ މުޅި ދުނިޔެއަށް ހުޅުވާލައިގެންނެވެ.
އެ އެގްޒިބިޝަނަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބިފަ އެވެ. އެގޮތުން ޖުމްލަ 300 އަށް ވުރެ ގިނަ އާޓިސްޓުން ވަނީ އެ އެގްޒިބިޝަނަށް އާޓް ހުށަހަޅާފަ އެވެ. އޭގެތެރެއިން ލޯކަލް 50 އާއި ބައިނަލްއަގުވާމީ 40 އާޓްވޯކް ވަނީ ހޮވައި އެގްޒިބިޝަންގައި ހިމަނާފަ އެވެ.
މިހާރު ކުރިއަށްދާ އެ އެގްޒިބިޝަނަށް ގިނަ އަދަދެއްގެ ޒުވާނުން ޒިޔާރަތްކުރެ އެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެގްޒިބިޝަނެކެވެ.