ރާއްޖެ އެތެރެކުރި 29 ކިލޯގެ މަސްތުވާތަކެތި. - ފޮޓޯ: މިހާރު
07 ޖޫން 2016 - 13:23
ޕާކިސްތާނުން ރާއްޖެ ގެނައި ކަމަށް ބެލެވޭ 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނެ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މިއީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެތި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެ އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީގެ ކުރިން 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެހެން ނަމަވެސް ކަނޑު އަޑިއަށް ފައްތާފައި ވަނިކޮށް، އާންމުންގެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ކުރިން ވަނީ އެއް ޓަނުގެ މަސްތުވާތަކެތި ހޯދައިފަ އެވެ.
އެންމެ ފަހުން މީގެ 4-5 ދުވަސް ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 145 މިލިއަން ރުފިޔާގެ އަގު ހުރި މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ދޯންޏެއްގައި ރާއްޖޭގެ ސަރަހައްދުން ނިކުމެ، މަސްތުވާތަކެތި ހިފައިގެން ރާއްޖެ ސަރަހައްދަށް ވަދެގެން އަންނަނިކޮށެވެ. އޭރު ދޯނި އޮތީ އދ. އަތޮޅާ ދިމާލު ބޭރުގަ އެވެ.
މައްސަލައިގައި ހައްޔަރުކުރީ މ.ރަތްކޮކާގެ އަހުމަދު ސަދޫހު ހުސެއިން އާއި ލ.މާމެންދޫ އާސްތާނާ މުހައްމަދު ނިއުޝާދާއި އިތުރު ދެ މީހެކެވެ. ސަދޫހާއި ނިއުޝާދަކީ އާއިލީ ގުޅުމެއް އޮންނަ ދެ މީހުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި އަނެއް ދެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވި ގޮތުގައި ސަދޫހު މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ނިއުޝާދު ދުއްވާ ދޯންޏެއްގަ އެވެ. އަދި ނިއުޝާދަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ހުށަހެޅި ކަމަށް ނަވާޒް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ނެގުނު އެއްޗެއް ކަމަށް މައުލޫމާތު ލިބުނީ. އެ (މަސްތުވާތަކެތި) ލައިގެން ދޯނި ހިފެހެއްޓީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން،" ނަވާޒް ވިދާޅުވި އެވެ.
ރާއްޖެ އެތެރެކުރި 29 ކިލޯގެ މަސްތުވާތަކެތި. - ފޮޓޯ: މިހާރު
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް މޫސާ އަލީ ވިދާޅުވީ ދޯނި ހިފެހެއްޓުމަށް ފަހު ބަލައި ފާސްކުރުމަށް ގެންދިޔައީ ދޫނިދޫ އަށް ކަމަށެވެ.
ދޯނި ބަލައި ފާސް ކުރިއިރު ގޭސް ސިލިންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކަމަށާއި އެތަކެތި ޓެސްޓް ކުރިއިރު، ހިރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޯނީގެ ތެރެއިން ފުލުހުން ހޯދި، މަސްތުވާތަކެތި އަޅާފައިވާ ގޭސް ސިލިންޑަރު. -- ފޮޓޯ: މިހާރު
ނަވާޒް ވިދާޅުވި ގޮތުގައި ސަދޫހާއި ނިއުޝާދަކީ ވައްކަމާއި ފޭރުމާއި މާރާމާރީ އާއި މަސްތުވާތަކެތި ގެންގުޅުމުގެ ރިކޯޑު އޮންނަ ބައެކެވެ. އަދި ސަދޫހަކީ ބަރޮސް މޯލްޑިވްސް އަށް އަރައި އެ ތަނުގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ޕާކިސްތާނު މަގުން ރާއްޖެ ގެނައި މަސްތުވާތަކެތި ކަމަށް ބެލެވޭ ކަމަށާއި މިކަމުގައި އިތުރު ބަޔަކު ޝާމިލްވާ ނަމަ، އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ނަވާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ނަވާޒް ވިދާޅުވީ ދޯނީގައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަވާޒްގެ ވިދާޅުވީ މި އޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓާއި އެމްއެންޑީއެފް ކޯސްޓްގާޑު ބައިވެރިވެ ކަނޑުމަތީގައި 48 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާ
09 June 2016
ހީވަނީ އާ ޝިޕްމެންޓް ލިބުނީމަ މީޑިއާގައި އިޝްތިހާރު ކޮށްލީހެން.. ހަބަރު ކިޔާލި އިރު ފާހަގަވި ކަމަކީ އެކި ކުށްތައް ކޮށް ޖަލުގައި ހައްޔަރު ކުރަން ޖެހޭބަޔަކު މިނިވަން ކަމާ އެކު އެބަ އުޅެވޭ ކަން..
އަހުމަދު
08 June 2016
ތިފޮޓޯ އިން ތި ފެންނަނީ ތި އެއްޗެހި ގެނެވޭނެ ފަދަ ބައެއް ނޫން. ތިކަމުގައި އެހެން ބަޔެއްގެ އަތެއްވާނެ. ހޯދާ އެމީހުން.
ހަލީފާ
08 June 2016
މިމައްސަލަވެސް ބަލާނީ ބާރީ. މައްސަލަ ނިމުނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ
ސައީދު މުހައްމަދު
08 June 2016
އޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓާއި އެމްއެންޑީއެފް، ކޯސްޓްގާޑު ބައިވެރިވެ ކުރި ބުރަ މަސައްކަތަށް ޝުކުރިއްޔާ! ފުލުހުންނަށް ކާފީ ހެކި ލިބޭނީ ޢާންމުންގެ އެހީތެރިކަމާއެކު. ޑްރަގުން ގައުމު ސަލާމަތް ކުރެވޭނީ ފަރުދީ ޒިންމާ އަދާކުރުމުން. ފަރުދީ ޒިންމާ އަދާ ކުރުމަކީ ފުލުހުންނަށް ފާޑުކިއުމެއްނޫން.
ސޮލިއުޝަން
08 June 2016
އެއްވެސް ހެއްކެއް ނުހޯދޭ. ދޯންޏެއްްގެ ތެރޭގައި ގޭސް ސިލިންޑަރެއް ހުއްޓަކަށް އޭގައި މަސްތުވާތަކެތި ހުރިކަމެއް ނޭނގެޔޭ އެމީހުން ބުނާނެ. ފުލުހުންނަށް މީތި ރެޑް ހޭންޑްކޮށް އަތުލައެއް ނުގަނެވުނު.
އެމްސް
08 June 2016
ފުލުހުން ބުނީމަ ޓަނަކަށްވުރެ 29 ކިލޯވެސް ގިނަ!
ހުސްފުލޯކު
08 June 2016
ނަވާޒް މޮޔަ ނުގޮވަބަލަ. ތިގޮތަށް އަބަދުވެސް ހެކިހުރިކަމަށްބުނެ ފޮނިކަނޑަމެއްނު. އެކަމަކު ކޯޓަށް ގެންދާއިރަށް ބުނާނެ ކާފީ ހެއްކެއްނެތޭ. ފުލުހުންނަށް ރަނގަޅަށް ހެކި ހޯދޭނަމަ ތީގެ ދެމީހުންވެސް މިހާރު ތިބެންޖެހޭނީ ޖަލުގައެއްނެއް. ކުރިން ތިބުނީ ބޮޑެތިކުއްތަކަށް އަރައިގަނެގެން ހައްޔަރު ކުރެވުނު ވާހަކަ. ހެކި ނެތީމާ ދޯ އެތިބީ އަނެއްކާވެސް ކުއްކުރަން ނުކުމެ.
މުރާދު
07 June 2016
ތީ އަދި އެންމެ ސިލިންޑަރެއްތާ ދ؟ ކޮބާ އަނެއް ވިހި ސިލިންޑަރު؟
މެންޓަލިސްޓް
07 June 2016
ކަޑުއަޑީން ނެގި 1.6 ޓަނުގެ ޑްރަގްއާއި ހަވާލުވާނެ ބަޔަކުވެސްނުވި އަދި އެކަކުވެސް ހައްޔަރުވެސް ނުކުރި ، ދެން ތިޔަކޭސްވެސް ނިމޭއިރު ކޯޓުން ހުރިހާއެންމެންދޫކޮއްލާނެ ، ފުލުހުން އޮންނާނީ ކޮންމެވެސް ގަޅިއެއް ތަހުގީގްގައި އަޅައިފަ ،،، މީކަންހިގަމުންދާގޮތް ،
ފަޅާއަރަނީ
07 June 2016
ފުލުހުން މިއަދު މިއަތުލި 29 ކިލޯގެ މަސްތުވާ ތަކެތި އެތެރެ ކުރި ދޯނި މީހުން ތިއަތުލީ. އެހެން ކަމަށްވާނަމަ ތިދޯނި އާއި އެކު އަދި ކިތައް ދޯނި ޕާކިސްތާނުން މަސްތުވާ ތަކެތި ގަނެގެން ރާއްޖެ އަށް އެތެރެ ކުރި ތޯ އެއީ ވެސް ބަލަން ޖެހޭ ކަމެކެވެ. މިހާރު މިއިގެނީ ކުއްލި އަކަށް ޕާރޓޭން ތައް ކިޔަވަން ނަމުގައި ޕާކިސްތާނަށް ގޮސް އެގަންނަ ގަނޑު. ޕާރޓޭން ޕާކިސްތާނަށް ދާނެ ކިޔަވަން ނަމުގައި. މަަސްދުވަހު ޕާކިސްތާނުގައި އުޅެފައި އަންނާނެ ރާއްޖެ އަށް. ދެން ރާއްޖޭގައި 5 މަސްދުވަހު ހުރެފައި އަނެއްކާ ދާނެ ޕާކިސްތާނަށް ކިޔަވަން ނަމުގައި. މިގޮތަށް ރާއްޖޭގެ ޕާރޓޭން ޕާކިސްތާނަށް ގޮސް މިކުރާ ވިޔަފާރި އަކީ އެއީ ޑްރަގް ވިއްކުން ކަން މިހާރު މިދަނީ ފަޅާ އަރަމުން ނޫންތޯއެވެ.