ރާއްޖެ އަށް ޑްރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
މާލެ އާއި ގއ. ގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޑްރަގާ ގުޅުން ހުރި 10 ތަނެއް ބަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:
- ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
- އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
- ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި
ފުލުހުން ބުނެފައިވާ ގޮތުގައި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ އަމުރުކުރެއްވި އެވެ. ނޫރުއްނިޒާމު ބަންދުކުރަން ކުރަން އަމުރުކުރީ 15 ދުވަހަށެވެ.
ފުލުހުން ރޭ ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ޑްރަގްގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ.
އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށް ވެސް ބުންޏެވެ. އެ ތަހުގީގުން ފުލުހުންނަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން ދަނީ ޑްރަގް ޓްރެފިކް ކުރަމުންނެވެ.
އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ނެޓްވޯކް މެމްބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައުރު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ނެޓްވޯކް އިސްވެ ހިންގާ މީހާ އާއި އަދި އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކޮށް، މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ 19 މީހަކު ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެންގެ މައްސަލަ ވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ އެކައުންޓުގައި މިލިއަނުން ރުފިޔާ!
ފުލުހުން ބުނި ގޮތުގައި، ހަޔްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،000ރ. ކަމަށް ފުލުހުން ބުންޏެވެ.
އަހުމަދު އަނާމް އިބްރާހީމްގެ ބޭންކު އެކައުންޓުތަކުގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،000ރ. ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ޝައްފާހުގެ ބޭންކު އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ދައުރު ކޮށްފައިވާއިރު އޭނަގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވީ 371،000ރ. ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 މީހެއްގެ 53 ބޭންކު އެކައުންޓެއް ފްރީޒް ކޮށްފައިވެ އެވެ.